މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަމަ މުގުރާލައި، ލާމަރުކަޒީ ޤާނޫނާއި އަދި މާލިއްޔަތުގެ ޤާނޫނާއި ވެސް ޚިލާފަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޭޔަރު ވަނީ އެ މަޝްރޫޢު ސިޓީ ކައުންސިލްގެ އަތުން އަތުލައި، އާރްޑީސީއާއި ބޮޑު އަގެއްގައި ހަވާލު ކުރުމަކީ ބޮޑު އިސްރާފެއްކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއް ގޮތުގައި ވެސް ސިފަ ކުރެއްވިއެވެ.

Ad
rt

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޕްލޭނިން މިނިސްޓްރީން އަމީނީ މަގުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ.

އެކަމަށް އިޝާރާތް ކުރަށްވައި މޭޔަރު މިއަދު ވިދާޅުވީ، އެ މަގުގައި ތާރުއަޅަން ސިޓީ ކައުންސިލާއި، އާރްޑީސީއާއި ދެމެދު އެއްބަސްވެފައި ވަނީ 39 މިލިއަން ރުފިޔާއަށް އެމަސައްކަތް ނިންމުމަށް ކަމަށެވެ.

"އަޅުގަނޑުމެންނެއް ނޫން އަގު ހުށަހެޅީ، އާރްޑީސީން އަޅުގަނޑުމެންނަށް ފޮނުވި ބީއޯކިއު، އެއީ އަދި އެ ބޭފުޅުންގެ ޕްރޮފިޓް އެއަށް ލާފައި؛ ލޭބާ ކޯސްޓު، މެޓީރިއަލް ކޯސްޓުގެ އިތުރުން ޕްރޮފިޓް އެއަށް ލާފައި 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ނިންމަން" މޭޔަރު ވިދާޅުވިއެވެ.

ނަމަވެސް އެ މަޝްރޫޢު ޕްލޭނިން މިނިސްޓްރީން އެ އަގަށްވުރެ ބޮޑުތަން ބޮޑުކޮށް އާރުޑީސީއާއި ހަވާލުކޮށްފައިވާތީ، އެއީ އިސްރާފެއް އަދި ކޮރަޕްޝަންގެ ޢަމަލެއް ކަމަށް މޭޔަރު މިއަދު ވަނީ ސިފަކުރަށްވާފައެވެ.

މީގެއިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަކީ ވަކި އުސޫލެއްގެ ދަށުން އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ބަދަލުކުރެވޭ މަޝްރޫއުތަކަކަށްވާއިރު މި މަޝްރޫޢާއި ގުޅިގެން ޢަމަލު ކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށްކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވަނީ، މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އެއްވެސް ވަރަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ވިދާޅުވެފައެވެ. އަދި ލާމަރުކަޒީ ގާނޫނުތަކާ ޚިލާފަށް، ސިޓީ ކައުންސިލާއި މާލޭގެ ރައްޔިތުންނަށްވެސް އިންސާފުވެރި ނޫން އެތައް ގޮތަކަށް ސަރުކާރުން ދަތިތައް ކުރިމަތި ކުރުވަމުންދާ ކަމަށް ތުހުމަތުކުރެއްވިއެވެ.