ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ބޭނުން ކުރާނެ ރަސްމީ ނިޝާން ތައާރަފު ކޮށްފިއެވެ.

މި ނިޝާން ތައާރަފު ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ނިޝާން ތައާރަފު ކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

Ad
rt

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި އަލަށް ތައާރަފު ކުރި ނިޝާން ޑިޒައިން ކުރީ މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ.

މި ޑިޒައިން ހޮވާފައިވަނީ މިދިޔަ އަހަރު އެމްއެމްއޭ އިން ހުޅުވާލި ފުރުސަތުގެ ތެރެއިން ލިބުނު 70 ހުށަހެޅުމުގެ ތެރެއިންނެވެ. އެ ނިޝާން ހޮވީ ފަންނީ ޖަޖުންގެ ޕެނަލުން ޖަޖު ކުރުމަށްފަހުއެވެ.

ދިވެހި ފައިސާގެ ނިޝާނުން ރަމްޒުކޮށްދެނީ ތާނައިގެ "ރ" އެވެ. މި ނިޝާނުގައި "ރ" އަކުރުގައި ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެއެވެ.

މި ނިޝާން ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ތާނަ އަކުރެއް ބޭނުން ކުރުމަކީ ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިއްމު ކަމަށާއި އެކަން ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވެސް ނިޝާން ބޭނުން ކުރެވޭނެ ގޮތްތައް ހުރުން މުހިންމު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސާގެ ރަސްމީ ނިޝާނެއް މިހާތަނަށް ކަނޑައަޅައިފައިވަނީ ދުނިޔޭގެ 50 އެއްހާ ގައުމަކުން ކަމަށާއި އޭގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނިގެން ދިއުމަކީ ވެސް ލިބޭ އިތުރު ފަޚުރެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

ދިވެހި ފައިސާގެ އާ ނިޝާނަށް އާއްމުން ހޭލުންތެރި ކުރުމަށާއި އެ ނިޝާން ބޭނުންކުރާ ވަރު އިތުރު ކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ. މި ނިޝާނަލީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ނިޝާނަކަށް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ދެން ޗާޕު ކުރާ ފައިސާތަކުގައި ވެސް މި ނިޝާން ހިމަނާނެ ކަމަށް ހާޝިމް ވިދާޅުވިއެވެ.