ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 46 އިންސައްތަ އާއި، މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 39 އިންސައްތަ އާއި، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 38 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!