ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި އެއް ގޮނޑި ކާމިޔާބުކޮށް، ފުރަތަމަ އިންތިޚާބީ މޮޅު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހޯދައިފިއެވެ.

މި އިންތިޚާބުގައި ތިން ސިޔާސީ ޕާޓީއަކުން ފަސް ކެންޑިޑޭޓަކު ވާދަ ކުރިއެވެ. އެ ކެންޑިޑޭޓުންނަނީ،

Ad
rt
  • ޒަޢީމާ އާދަމް، ނާޒް، ށ.ކޮމަންޑޫ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)
  • ޢާއިޝަތު ވަޙީދާ، ފެމޯރާ، ށ.ކޮމަންޑޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
  • މަރްޔަމް ނަބާހާ، ކަށިކެޔޮގަސްދޮށުގެ، ށ.ކޮމަންޑޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
  • ޢާއިޝަތު ރަޝީދާ، ސޭބޫގެ، ށ.ކޮމަންޑޫ،
  • މަރްޔަމް އުއްމިއްޔާ، ކަނޑުތިލަ، ށ.ކޮމަންޑޫ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)

މިއަދުގެ ވޯޓުގައި އެމްއެންޕީގެ ޒަޢީމާ ގޮނޑި ކާމިޔާބު ކުރީ 334 ވޯޓު ހޯދައިގެންނެވެ. ދެވަނަ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ އައިޝަތު ވަހީދާއެވެ. އޭނާއަށް 288 ވޯޓު ލިބިފައިވެއެވެ. އެމްޑީޕީގެ އަނެއް ކެންޑިޑޭޓު ނަބާހާ އަށް 200 ވޯޓު ލިބުނުއިރު އިދިކޮޅު ޕީޕީއެމްގެ ރަޝީދާއަށް 223 ވޯޓު އަދި އުއްމިޔާއަށް 274 ވޯޓު ލިބިފަވެއެވެ.

އެމްއެންޕީން އަންނަނަނީ އެ ޕާޓީ އުފެދުނީއްސުރެ ބާއްވާ ގިނަ އިންތިޚާބުތަކެއްގައި ވާދަކުރަމުންނެވެ. އެ ޕާޓީން ފުރަތަމަ ވާދަ ކުރި އިންތިޚާބަކީ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި-އިލެކްޝަން އިންތިޚާބެވެ. ބޮޑެތި ސިޔާސީ ޕާޓީތަކާއި ވާދަކޮށް އެމްއެންޕީން ފުރަތަމަ ތާރީޚީ މޮޅު ވެސް ހޯދާފައި މިވަނީ މިއަދު ކޮމަންޑޫ ދާއިރާއިންނެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެމްއެންޕީ ވުޖޫދަށް ގެނައުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.