ލޯބިވެރިޔާއާ ގުޅިގެން ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ޅ. ހިންނަވަރު ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެތަނުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ.
ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ލަމްހާގެ ބަންދު ދެމެހެއްޓުމަށެވެ. ލަމްހާގެ ވަކީލް އެދިވަޑައިގަތީ ޝަރުތުތަކާ އެކު، ބަންދުން ދޫކުރުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދުގައި ބަހައްޓަން ނިންމާފައިވާ ނިންމުން ދެމެހެއްޓެވީ ކަމަށެވެ. މިގޮތަށް ބަންދުގައި ތިބޭ މީހުން ކޮންމެ މަހަކު އެއްފަހަރު ބަންދު މުރާޖާ ކުރާނެ އެވެ.
ލަމްހާގެ ފަރާތުން ދިފާއުގައި ހުށަހެޅި 12 ހެއްކެއް ބަލައިނުގަތުމަށް ދައުލަތުން މިއަދު ކޯޓުގައި އެދުނެވެ. ދައުލަތުން ބުނީ ގިނަ ހެކިތައް މައްސަލައާ ގުޅުމެއް ނެތް ކަމަށާއި އަދި ބައެއް ހެކިންނަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ކަމަށެވެ.
ލަމްހާގެ ފަރާތުން ހުށަހެޅީ ބައެއް ލިޔުންތައް ހޯދުމަށެވެ. ލަމްހާގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ބާރުގަދަ އިންޖެކްޝަންތައް އެތެރެކުރީ ކޮން ތަނަކުން ކަން ހޯދުމަށްޓަކައި ކަސްޓަމްސްގެ ލިޔުންތައް ހޯދަން ވެސް އެދުނެވެ.
ދައުލަތުން ބުނާގޮތުން އެ އިންޖެކްޝަންތަކަކީ ހޮސްޕިޓަލްތަކުގައި އެކަނި ބޭނުންކުރެވޭ އިންޖެކްޝަންތަކެކެވެ. ލަމްހާ ގެންގުޅުނީ އައިޖީއެމްއެޗަށް ގެނެސްފައި ހުރި އިންޖެކްޝަންތަކެއް ކަމަށް ތުހުމަތުކުރެ އެވެ. އެ އިންޖެކްޝަންތައް ގެންގުޅުނު މައްސަލާގައި އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ.
ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު އަންނަ އޮގަސްޓް މަހު ގޮތެއް ނިންމާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!