އެތައް މުންކަރާތްތަކެއްގެ ތެރޭގައި އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢު ގެނބެމުން ގޮސް، ﷲގެ ޙަޟްރަތުން އަަޅުގަނޑުމެންގެ މައްޗަށް ކޯފާއެއް އަތުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް މަތިވެރިވެގެންވާ ހަދިޔާއެއް ދެއްވާފައެވެ. އެއީ އެއިލާހު ކަނޑައަޅުއްވާފައިވާ އަޅުކަމުގެ އެންމެ މަތިވެރި މޫސުމެވެ. އެއީ އުޅުން އިޞްލާޙު ކުރުމުމަށް އެއިލާހުގެ އަޅާއަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެއީ މި ދުނިޔެ މަތީގައި ﷲ ލައްވާފައިވާ އެންމެ މަތިވެރި ދުވަސްތަކެވެ. އާދެ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދިހަ ދުވުގެ މަތިވެރިކަން ބަޔާން ކުރައްވައި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ.
أفضل أيام الدنيا أيام العشر (رواه ابن حبان وصححه الألباني)
މާނަ: “ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.”
އަދިވެސް މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމުގެ މާތްކަން އެނގިގެންދާ ޙަދީޘެއްގައި ވެއެވެ. އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلىَ اللهِ مِنْهُ فِي هَذِهِ الأَياَّمِ الْعَشْرِ . قاَلُوا وَلاَ الجِْهَادُ فِي سَبِيْلِ اللهِ !! قاَلَ : وَلاَ الجِْهَادُ فِي سَبِيْلِ اللهِ ، إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ وَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ” (رواه أبو داود وصححه الألباني)
މާނައީ: “އެދުވަސްތަކެއްގައި ހެޔޮ ޢަމަލު ކުރުން ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްވަރަކީ މި ދިހަ ދުވަހެވެ.” ޞަހާބީން ދެންނެވިއެވެ. “ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވެރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު ޖިހާދު ކުރުމަށް އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ، އެއިން އެއްވެސް އެއްޗަކައިގެން އެނބުރި ނާންނަ މީހަކު ފިޔަވައެވެ.”
ކޮންމެއަކަސް މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުތައި ހިފުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަ ހުއްޓެވެ. އެގޮތުން އަޅުގަނޑުމެން ބަލާލާނީ ހަތަރު ކަމަކަށެވެ.
1. ތައުބާޔާއެކު މިދުވަސްތައް ފަށާށެވެ.
އިސްވެ ގޮސްފައިވާ ޙަދީޘްތަކުން ވެސް އެނގިގެން ދިޔަފަދައިން މި ދުވަސްތަކަކީ މި ދުނިޔެމަތީގައި ލައްވާފައިވާ އަޅުކަންކުރުމުގެ އެންމެ މަތިވެރި ދުވަސްތަކެވެ. އެއާއެކު ތިމާއަކީ ފާފަ ކުރުމުގައި ނަފުސު އިސްރާފު ކުރަމުންދާ މީހެއް ކަމުގައިވާނަމަ، އަވަހަށް އިސްލާހު ވާން ވީއެވެ. އަހަރެއް ވެއަތުވެގެން ދާއިރު، އެކިއެކި ދުވަސްވަރުގައި ﷲ ތަޢާލާ އަހަރެމެންނަށްޓަކައި އަޅުކަމުގެ މޫސުންތައް ކަނޑައަޅުއްވާފައިވާ އެއް ސަބަބަކީވެސް މިއީއެވެ. ސަލާމަތުގެ އައްސޭރިއަށް އަޅުގަނޑުމެންނަށް ދެވޭނީ ނަފުސު އިސްލާޙު ކޮށްގެންނެވެ. އެހެންކަމުން، ފާއިތުވިތަނުގައި ކުރެވިފައިވާ ކުށްފާފަތައް ދޫކޮށް، އެކަންކަމާ ދެރަވެ ހިތާމަ ކޮށް، އޭގެއިން ކަމަކަށް އަލުން އަނބުރާ އަރައި ނުގަތުމަށް އަޒުމު ކަނޑައަޅާ ޙާލު ﷲގެ ޙަޟްރަތަށް ފުރިހަމަ ތައުބާއަކުން ތައުބާ ވާށެވެ.
2. އެއްވެސް ވަގުތެއް ހެޔޮޢަމަލު ނުކޮށް ދޫކޮށް ނުލާށެވެ.
އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ދުވަހެއް ނޭގޭނެއެވެ. މިއަހަރު އަޅުގަނޑުމެންނާ، މި ދިހަ ދުވަސް ބައްދަލުކޮށްފިއެވެ. ނަމަވެސް އަންނަ އަހަރުގައި އަޅުގަނޑުމެންނާ މި ދުވަސްތައް ބައްދަލު ކުރާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ. އެހެންކަމުން، މި މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެން އަތުކުރި އޮޅާލައި، ކަމަރު ބާރު ކޮށްލަން އެބަ ޖެހެއެވެ. އެގޮތުން، ޢަމަލެއް، އެޢަމަލީކީ ހެޔޮ ޢަމަލެއް ކަމުގައި ވާނަމަ، ތިމާއަށް ކުޅަދާނަވީ މިންވަރަކުން އެޢަމަލެއް ކުރާށެވެ. އަދި ކުރަންވާނީ ވީހާވެސް ގިނައަކުން އަދި އެންމެ ރަނގަޅު ކޮލިޓީގައެވެ. އަދި އެއްވެސް ބޭކާރު ކަމެއް ކުރުމުގައި މީގެއިން ދުވަހެއްގެ ކިތަންމެ ކުޑަކުޑަ ހިނދުކޮޅެއް ވެސް ހޭދަ ނުކުރާށެވެ.
3. ގިނަގިނައިން ﷲ އަށް ޒިކުރު ކުރާށެވެ.
ﷲ އަށް ހަނދުމަ ކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ވާ ކަމެކެވެ. އަދި މި ދިހަ ދުވަހުގައި ކުރެވިދާނެ އެންމެ މަތިވެރި އަޅުކަންތަކުގެތެރެއިން ކަމެކެވެ. އެހެނީ މިކަމަކީ، ހިނގާފައި ދާއިރު، ނުވަތަ ސައިކަލުގައި ދުވާއިރު، ނުވަތަ ކިޔުއެއްގައި މަޑުކޮށްެގެން ހުންނައިރު ވެސް މާބޮޑު ތަކުލީފަކާ ނުލާ، ކުޑަކުޑަ ކަމަކުން ބޮޑެތި ޘަވާބާއި ދަރުމަ ލިބިދެނިވި ކަމެކެވެ. ކުރެވިދާނެ އަދި ޒިކުރު ކުރުން އެދެވިގެންވަނީ ގިނަވެގެންވާ ޒިކުރު ކުރުމަކުންނެވެ. މާތް ﷲ ވަޙީ ކުރައްވަނީ: وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا (الأحزاب: 35)
މާނަ: "ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."
4. މީސްމީޑިއާގައި އަދި މުޖުތަމަޢުގައިވެސް މިޘާލީ މުސްލިމަކަށް ވާށެވެ.
މުޖުތަމަޢުގައި އުޅޭ ހިނދުގައި އިސްލާމީ އަޚްލާޤިއްޔަތު އޭގެ އެންމެ ފުރިހަމަ ސިފައިގައި ތިބާގެ ބޭރު ފުށުން ދައްކާށެވެ. މީސްތަކުންނަށް އެހީތެރިވެ، ހެޔޮ ފޯރުކޮށްދީ، ނަމާދަށް ގޮސް ހަދައި، ވަގުތުކޮޅެއް ހޯދާލައިގެން މިސްކިތުގައި ޒިކުރު ކުރަން ނުވަތަ ޤުރްއާން ކިޔަވަން މަޑުކޮށްލާށެވެ. އަދި ވެސް މިފަދަ އެތައް ކަމެއް ކުރެވިދާނެއެވެ. ހަމަ އެހެންމެ ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ހެޔޮ ކަންކަމަށް ގޮޮވާލައި މުންކަރާތްތައް ނަހީ ކުރާށެވެ. މި އުންމަތް އެންމެ މާތް އުންމަތަށް ވެގެން ދިޔައީ އެސަބަބަށްޓަކައެވެ.
ހަމައެހެންމެ މީސްމީޑިއާގެ އެކިއެކި މަންސަ ތަކުގައި އުޅޭއިރުވެސް، ވީހާވެސް ބޮޑަށް މުސްލިމެއްގެ ރިވެތި ސިފަތަކުން މި މަންސަތައް ޒީނަތްތެރި ކުރުވާށެވެ. އެގޮތުން އެކިއެކި ދީނީ މަންސަތަކުން ލާ ޕޯސްޓުތައް ޝެއާރ ކުރެވިދާނއެވެ. އަދި ތިބާއަށްވެސް އެފަދަ ޕޯސްޓުތައް ޖަހާލެވިދާނެއެވެ. ބޭނުމަކީ އިސްލާމީ ދަޢުވަތު ފެތުރިގެން ދިއުމެވެ. އަދީ އެކަމުގެ ބައިވެރިއެއް ކަމުގައިވެ، ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގަތުމެވެ.
ދުޢާއަކީ މިމާތް ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމުގެ ތައުފީޤު އަހަރެމެންނަށް ލިބިގެން ދިއުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!