އދ. ފެންފުށީ ފަޅުގައި އެ ފަޅަށް ގެއްލުންވާނެ ފަދަ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން ޖަމިއްޔާތަކުން ގޮވާލައިފިއެވެ.
ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ފެންފުށީ ފަޅަކީ ހިމާޔަތްކޮށްފައިވާ، ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންޕާ) އާއި އިންވެގެން އޮންނަ ފަޅަކަށްވާއިރު، އެފަޅުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ދިނުމަކީ މިޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވަނީ މިކަމާއި ދެކޮޅަށް ކަމާއިގުޅުންހުރި މާހިރުން އަޑުއުފުލާ ޓޫރިޒަމް މިނިސްޓްރީއަށް އެކަމުގެ ޝަކުވާ ހުށަހަޅާފައިވަނިކޮށް، އެކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއްނެތި، ސަންޕާއަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި، އަދި ލިބިދާނެ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ކުރިއާލާ އަމިއްލައަށް އިސްނެގުމުގެ މަތިން އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިކަން ނުވަތަ އަޅާނެކަން ބަޔާންނުކޮށް ކަމަށް ބުނެފައިވެއެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ، ފެންފުށީ ރައްޔިތުންގެ ގިނަ ބޭނުންތަކަކަށް ބޭނުންކުރަމުން އަންނަ ފަޅެއްގައި ކަމަށްވުމުން، ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުންނާއި ކައުންސިލުން ދެކޮޅުހަދާ ކަމެއްކަމަށް ފެންފުށީ ކައުންސިލްއިން މީޑިއާގައިވެސް ހާމަކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ބުނީ ފެންފުށީ ފަޅަކީ، ފެންފުށީގެ ރައްޔިތުން ފަރު މަސްވެރިކަމާއި، ހުއިފިލަނޑާ ނެގުންފަދަ އިގުތިސާދީ މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ތިން ލައްކައެއްހާ ރުފިޔާ ހޯދުމަށް އެހީތެރިވެދޭ ވަސީލަތެެއް ކަމަށާއި، މީގެ އކޯމަސް ބެލުންފަދަ ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތަކެއްވެސް ކުރަމުންދާ ސަރަހައްދެއް ކަމަށެވެ. އަދި މީގެ އިތުރުން، އެފަޅަކީ ކޯމަހާއި ޒިބްރާ ޝާރކް އަދި އެހެނިހެން މަސްމަހާމެހި، އާލާވެ އެ ދިރުންތައް ބޮޑުވުމުގެ މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކޮށް ބުނީ މިފަޅު ހިއްކައިފިނަމަ، ފެންފުށީގެ ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއްކުރުމުގެ އިތުރުން، ފެންފުށީ ފަޅަށް ސީދާ ގޮތުގައި ގެއްލުން ލިބި، ކައިރި ސަރަހައްދުތަކުގެ ފަރުތައް ރަނގަޅު ސިއްހަތެއްގައި ދެމިއޮތުމަށް ބޭނުންވާ މޫދުއަޑީގެ ދިރުންތަކަށް އަސަރުކުރާނެ ކަމަށެވެ.
ސަންޕާއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ރާއްޖެއިން ފެހުރިހި ފެންނަ ހަމައެކަނި ސަރަހައްދެވެ. މިއީ މިހާރުވެސް އެންމެ ގިނަ ރިސޯޓުތައް މުޅި ރާއްޖޭގައި ހެދިފައިވާ ސަރަހައްދެވެ. އަދި ގެސްޓްހައުސް އާއި ޑައިވް ވިޔަފާރި ފުޅާދާއިރާއެއްގައި މިސަރަހައްދުގައި ހިންގޭ އެންމެ ބޮޑު އެއް ސަބަބަކީ އެސަރަހައްދުގައި ސަންޕާ އޮތުން ކަން ސޭވް މޯލްޑިވްސް އިން ފާހަގަކުރެއެވެ.
ސަންޕާގެ ވަށައިގެންވާ ބަފަރޒޯންގައި މީގެ ކުރިން ހިންގާފައިވާ ބިންހިއްކުމުގެ މަޝްރޫއުތަކުގެ ނޭދެވޭ އަސަރު ވަނީ ސަންޕާއަށް ކޮށްފައިވާކަން ފާހަގަކޮށް ބުނީ ވިލާ ކުންފުނިން ހިންގާ މާމިގިލީ އެއާރޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބިންހިއްކުމުގެ ސަބަބުން، ސަންޕާގެ ލޮނުގަނޑު ތަގައްޔަރުވެ، އޭގޭ ނޭދެވޭ އަސަރު އެތަށް މަހެއްވަންދެން ކޮށްފައިވާ ކަމަށެވެ.
ފެންފުށީ ފަޅަކީ ސަންޕާ އާއި އިންވެގެން އޮންނަ ފަޅަކަށްވުމުން، އެފަޅު ހިއްކައިފިނަމަ، ސަންޕާއަށް އިއާދަނުކުރެވޭނެފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އެސަރަހައްދުގެ ނާޒުކު ތިމާވެށި އިތުރަށް ހީނަރުވާނެ ކަން ވަރަށް ސާފު ކަމަށް ބުނެއެވެ. އަދި ކްލައިމެޓް އިމަޖެންސީގެ ހާލަތެއް ރާއްޖޭގައި އިއުލާނުކޮށްފައިވާއިރު މިފަޅުހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އެދި ޓޫރިޒަމް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި މިނިސްޓްރީއިންވަނީ، ބިންހިއްކުމުގެ މަޝްރޫއުތައް ހިންގާނީ އީއައިއޭ އެއްހެދުމަށް ފަހުގައި ކަމަށް ބަޔާންކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާލާއިރު، ރާއްޖޭގައި އީއައިއޭ ބޭނުން ކުރަނީ ހަގީގަތުގައިވެސް ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރަށްބެލުމެއްނެތި، މަޝްރޫއުތައް ހިންގުމަށް ފެހި ސިގުނަލެއް ދޭ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. އީއައިއޭއަކީ ސިޔާސީ ނުފޫޒުންއެއްކިބާވެ، އޭގެ އަސްލު މާނާގައި ބޭނުންކުރާ ފަންނީގޮތުން އޮށްޓަރުހުރި ވެށިހިމާޔަތްކުރުން އިސްކުރާ އިޖުރާއީ ވަސީލަތަކަށް ހެދުމަށްޓަކައި އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހަދަން ވެސް ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!