ޔޯގާ އަކީ ދީނާ ހިލާފު ކަމެއް ކަމަށް ގިނަ އިލްމުވެރިންތަކެއް ބުނަމުން ދާއިރު އެކަމާއި މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނުރުހުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ތައްޔާރުވުމާއި އެކު ގިނާ އިލްމުވެރިންތަކެއް ވަނީ އެއީ ހަރާމް ކަމެއް ކަމަށް ބުނެފައެވެ. އަދި އިސްލާމީ އެކި ގައުމުތަކުގެ އިލްމުވެރިން ވެސް މިކަމުގައި އެއްބަސްވެއެވެ.

Ad
rt

އެކަމަކު މި ހިލާފުކަން އޮއްވައި ރާއްޖޭގައި ޔޯގާ ދުވަސް މި އަހަރު ފާހަގަކުރި އިރު، އެ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެއީ ސިޔާސީ ބޭނުމެއްގައި ބަޔަކު ހިންގަމުން އަންނަ ހަމަނުޖެހުމަކާއި ބަހުސެއް ކަމަށް ޔޫތު މިނިސްޓަރާ ހަވާލާދީ ނޫހަކުން ރިޕޯޓުކޮށްފައިވާތީ އެކަމަށް ޑރ. އިޔާޒް ވަނީ ރައްދު ދެއްވާފަ އެވެ.

އެމައްސަލާގައި ސަރުކާރުގެ ސިޔާސަތު ސިފަކުރެއްވީ "ބޯހަރު" ސިޔާސަތެއްގެ ގޮތުގައެވެ. އިޔާޒް އަންނީ ފެށުނީއްސުރެއް ޔޯގާ އާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ.

މި މައްސަލަގަނޑު ތެރެއާއި މީގެ ކުރިން ވެސް އެކި ފަހަރު މަތިން މި ސަރުކާރަށް ތާއިދުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފްކޮށްފައިވާ ޑރ. އިޔާސް ބުނީ އޭނާ އަކީ މި ސަރުކާރު ދެމި އޮތުމަށް ވަރަށް ބޭނުންވި މީހެއް ކަމަށެވެ. އެކަމަކު ޔޯގާ މައްސަލާގައި ސަރުކާރުގެ އަމަލުތައް ހުރިގޮތުން އެހެން ވިސްނުމަކަށް ދާން މެޖުބޫރުވެފައިވާ ކަމަށް އިޔާޒް ބުނެއެވެ.

2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރަމުން އަންނަ އިރު، އޭރުން ފަށައިގެންވެސް އެއީ ހަރާމް ކަމެއް ކަމަށް ގިނަ އިލްމުވެރިންތަކެއް އަންނަނީ ބުނަމުންނެވެ. އެކަމަކު މި ހަރަކާތުގެ ތެރޭގައި މިފަދަ ހަމަނުޖެހުމެއް ހިންގި މިއީ ފުރަތަމަ ފަހަރެވެ.

މި މައްސަލާގައި މިހާރު ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދެ ޝައިހުންނާއި، މީގެ ކުރިން ޓެރަރިސްޓް އަމަލުތަކުގެ ތުހުމަތުކުރެވިފައިވާ މީހުން ހިމެނެއެވެ.