ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަ ކުރުމަށް މާފަންނުގައި އިތުރު ޓްރާންސްފޯމަރެއް ބަހައްޓައިފިއެވެ.

ސްޓެލްކޯއިން މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައި ބަހައްޓާފައިވަނީ 2 އެމްވީއޭގެ ޓްރާންސްފޯމަރެކެވެ.

Ad
rt

ސްޓެލްކޯއިން ބުނީ މިއީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ބޭނުންވާ ރަނގަޅުފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބެހެއްޓި ޓްރާންސްފޯމަރެއް ކަމަށެވެ.

ގްރޭޓަ މާލެ ސަރަޙައްދުގައި ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ނަމަވެސް ވަޅުލާފައި ހުންނަ ކޭބަލްތަކަށް އެކި ކަހަލަ ގެއްލުންތައްވެ، ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެއެވެ.

މިގޮތަށް މައްސަލަ ދިމާވުމުން އެހެން ސަރަޙައްދެއްގައި ހުންނަ ޑިސްޓްރިބިއުޝަން ފޮއްޓަކުން ކަރަންޓު ފޯރުކޮށްދޭން ކުރާ މަސައްކަތުގައި ޕީކް ގަޑިތަކުގައި ގިނަފަހަރަށް ބޮޑު ބަޔަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮވެއެވެ.

ސްޓެލްކޯއިން ވަނީ ދާދި ފަހުން މާލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާފައެވެ.

މިއީ ވެސް ކަރަންޓުގެ މައްސަލައަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނެޓްވޯކް ބޮޑުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ.