ދިވެހި މީޑިއާގެ ހަމަތަކާ އަހްލާގީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މީޑިއާތަކަށް އަންގައިފިއެވެ.

މީީޑިއާ ތަކަށް މިކަން އަންގާފައިވަނީ މިއަދު އެކައުންސިލުން ނެރުނު ބަޔާނެއްގައެވެ.

Ad
rt

އެބަޔާނުގައި ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވާ ކަމަށާއި، އެ މިނިވަންކަމުގެހައްގަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ހައްގެއް ކަމަށް ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ހައްގު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަހްލާގީ މިންގަނޑާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކުރަމެވެ".

މީޑިއާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އިސްލާމްދީނާއި ހިލާފު ހަބަރާއި މައުލޫމާތާއި، މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑާ ހިލާފު މައުލޫމާތާ ހަބަރު ނުފެތުރުމަށާއި އަދި ސައްހަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ހަބަރު ނޫނީ ނުފެތުރުމަށް ހަނދާންކޮށްދީފައި ވެއެވެ.

“ލިބޭ މައުލޫމާތުތައް ކަށަވަރުކުރުމަށް ޓަކައި މީޑިއާތަކުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މައުލޫމާތެއް ހޯދުމަށް އެދޭ ހާލަތުތަކުގައި، ވީއެންމެއަވަހަކަށް އެކަމާ ގުޅޭ މަޢުލޫމާތު މީޑިއާތަކަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރަން”

އެ ކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ހާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާ ނަމަ، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ މި ކައުންސިލުގެ ގާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

“ހަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ބަސް ވެސް ހިމަނައިގެން ހަބަރާއި މައުލޫމާތު ޝާއިއުކުރުމަށް މި ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރެއެވެ".

އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، މައުލޫމާތު ހޯދުމާއި ހިޔާލު ފާޅުކުރުމާއި ފާޑުކިއުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދެމެހެއްޓުމަކީ ބާރުއަޅާކަމެއް ކަމަށާއި އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް އެންމެހައި މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.