ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ރާއްޖޭގައި މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ހެކި ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮތް ކަމަށް ތުހުމަތުވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކުރެ އެވެ.

Ad
rt

މާވިންގެ މައްޗަށް ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އޭނާއާ ދެކޮޅަށް 74 މީހުންނާއި ލިޔުންތައް ހިމެނޭ ގޮތަށް ޖުމްލަ 110 ހެއްކެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހެކިތަކަށް ބެއްލެވުމަށްފަހު އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

މާވިންގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދޭން އޭނާގެ ވަކީލު އެދިވަޑައިގަތެވެ. ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ ލިޔުމުން ދިފާއީ ހެކި ހުށަހަޅަން ހަތް ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ.

މާވިންގެ ބަންދު ދަމަހައްޓަން ދައުލަތުން މިއަދު އެދުނެވެ. މާވިންގެ ވަކީލް ވެސް އެކަމަށް ދެކޮޅެއް ނަހައްދަވަ އެވެ. ގާޒީ ވެސް ނިންމެވީ ބަންދު ދެމެހެއްޓުމަށެވެ.

ލަމްހާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދަނީ ވަކިންނެނެވެ.