ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަދަ ހަޑި އަމަލެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ.

އޭނާ މިހެން ވިދާޅުވީ މިދިޔަ ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ވީޑިއޯތަކުގެ ތެރޭގައި މެމްބަރު ސަލީމްގެ ވީޑިއޯއެއް އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކުރަމުން އަންނާތީވެ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މެމްބަރު ސަލީމް ފޮނުވި ސިޓީ އެއްގަ އެވެ.

Ad
rt

އެސިޓީގައި ސަލީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކުށެއްކަމަށް ކަނޑައަޅުއްވާފައިވާ އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ކަނޑައަޅުއްވާފައިވާ ފަދަ އަމަލެއް އޭނާ ކޮށްފައިވާ ކަމަށްބުނެ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭގޮތަށް ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އޭނާ އަކީ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާ އިރު، އޭނާއަށް ރައްދުވާގޮތަށް އެފަދަ ވާހަކަތަކެއް ލިޔެފައިވާތީ އެކަން ރަނގަޅަށް ބަލައި ދިނުމަށް އެދިފައިވެއެވެ. އެގޮތުން އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫންކަން ސާބިތުކޮށްދޭން އޭނާ އަށް ކުރެވޭނެ ވަކި ކަމެއް ނެތް އިރު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި، ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.

އަދި އޭނާއާ މެދުގައި ތުހުމަތުކޮށްފައިވާ ފާހިޝް އަމަލެއް ހިންގިކަމަށް ބުނާ މައްސަލަ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ވީހާވެސް އަވަހަކަށް ތަހުޤީޤުކޮށްދެއްވައި އެފަދަކަމެއް ކޮށްފައިވާކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެނަމަ އެކަމާ ގުޅިގެން އޭނާއާ މެދު އަޅުއްވަންޖެހޭ ޤާނޫނީ ފިޔަވަޅު ވީހާވެސް އަވަހަކަށް އަޅުއްވައިދެއްވުމަށްވެސް އެދިފައިވެއެވެ.

މި މައްސަލަތައް ފެންމަތިވެފައި ވަނީ މީގެ ދެ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ތުހުމަތުވާ މިފަދަ ވީޑިއޯއެއް އާންމުވުާއި އެކުއެވެ. އޭގެ ފަހުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުތުމަތު ވާ ބަަރަހަނާ ފޮޓޯ އެއް ވެސް ވަނީ އާންމުކޮށްފައެވެ.

ސަލީމްގެ މައްޗަށް ތުހުމަތުކޮށް ވާހަކަ ފަތުރަނީ، އޭގެ ފަހުން ލީކުކޮށްލި ވީޑިއޯއެއްގައި ފެންނަ ފިރިހެން މީހާ އާ އެކު ހުރީ އޭނަ ކަމަށް ބުނެއެވެ.