ކުރީގެ ރައީސް، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ މައްސަލަތައް ބަލަވާ، ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަލްއުސްތާޛު އަޙްމަދު ޝަކީލްއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ 04 ވަނަ ދުވަހު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވަނީ މިއަދު ބޭއްވި 44 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

Ad
rt

ގާޒީ ޝަކީލުގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށައެޅީ، ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރުމުންނެވެ. މީގެ ތިން އަހަރު ކުރިން ހައްޔަރުކުރި އަމީނަކީ ޓެރަރިސްޓު ޖަމާއަތް، އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މީހެކެވެ. އޭނާ ހައްޔަރުކޮށް ދައުވާކޮށްފައި ވަނީ، ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގަ އެވެ.

އަމިއްލަ މީހަކު ޖޭއެސްސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ އަމީން ފަދަ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހެއްގެ ބަންދަށް މި ވަރުގެ ލުޔެއް ދިނުމަކީ އަމީން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވުމުގެ އަމަލެއްގެ ގޮތުގައި ދެކިފަ އެވެ. ފަނޑިޔާރުގެ އެއީ މުޖުތަމައުގެ ސަލާމަތާއި އާއްމު ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކުރެއްވުމެއް ނެތި ނިންމާފައިވާ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް ވެސް އޭގައި ވެ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭރު އަމީން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަމަކު 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.

ކުރީގެ ރައީސް، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދެމައްސަލަ އެއް ގާޒީ އަޙްމަދު ޝަކީލް އަންނަނީ ބައްލަވަމުންނެވެ. އެއީ ފުއްގި އާއި އާރަށުގެ މައްސަލަ އެވެ.