މިދިޔަ ރޯދަ މަހު ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ބިދޭސީއަކު މަރާލީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއްގައި ކަމަށް ޕާކިސްތާނުގެ ކައްކާއެއް ކަމަށްވާ މުހައްމަދު އާބިދު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ބަންގްލަދޭޝް މީހަކާ ދެމެދު ހިންގި ހަމަނުޖެހުމެއްގައި އޭނާ މަރާލި ކަމަށް ބުނެ އާބިދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފެށުމާ އެކު، އާބިދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ތަރުޖަމާނެއް މެދުވެރިކޮށް، ޝަރީއަތުގެ ހުރިހާ ވާހަކައެއް އާބިދަށް ކިޔައިދިނެވެ.
އާބިދުގެ މައްޗަށް ކުރާ ދައުވާ އިއްވުމުން އާބިދުގެ ވަކީލް އިބްރާހިމް އަލީ ވިދާޅުވީ އެ މީހަކާ މަރާލެވުނީ އާބިދުގެ ބޮލުގައި ބިދޭސީ މީހާ ޖެހުމުން އޭނާގެ ބޯ ބުރާންތިވެފައި ހުއްޓާ ކަމަށެވެ.
އެވަގުތު އާބިދު މަސައްކަތް ކުރީ އަމިއްލަ ނަފްސުގެ ދިފާއު ކުރަން ކަމަށާއި އަދި އަތުގައި އޮތީ ވަޅިއެއް ކަން އޭނާއަށް އޭރު ނޭނގޭ ކަމަށް ވަކީލް ބުންޏެވެ.
އާބިދު ދައުވާއަށް އިންކާރު ކުރުމުން އޭނާއަށް ދެކޮޅަށް ހުށަހަޅާ ހެކިތައް ހާމަކުރި އެވެ. އަދި ބައެއް ހެކިންގެ ތެރޭގައި ބިދޭސީން ތިބުމުން އެ މީހުންގެ ހެކިބަސް ދުރާލާ ނަގަން އަންނަ ހަފުތާގައި އަޑުއެހުމެއް ބާއްވަން ގާޒީ ނިންމެވި އެވެ.
ދިފާއުގައި ހެކި ހުށަހަޅަން އާބިދުގެ ވަކީލަށް ފަސް ދުވަހުގެ ފުރުސަތު ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!