ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލުނު ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، 42 އަހަރުގެ އޮސްޓްރޭލިއާގެ ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:59 ގައި ކަމަށެވެ.

Ad
rt

އެމީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްގައިވާކަމަށާއި މިމައްސަލަ ތަޙްޤީގު ކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ މޫދު އަޑީގައި މަރުވެފައި އޮއްވާކަމަށެވެ. ނަމަވެސް އެމްއެންޑީއެފް އިން މިކަމުގެ މަޢުލޫމާތު އާންމުކޮށްފައިވާ ގޮތް ތަފާތެވެ.

އެމްއެންޑީއެފް އިން ބުނީ، ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 09:36 ހާއިރު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ފަތުރުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފެނިފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް ކަމަށެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ހިންގާފައެވެ.

މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، އެންމެ ފުރަތަމަ ބާލާފައިވަނީ ކްރޮސްރޯޑަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުކަމަށް އެފަރާތުން ބުނެއެވެ.