ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލިގެން ހޯދަމުންދިޔަ އޮސްޓްރޭލިއާ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ފަތުރުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފެނިފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނީ އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. މޫދުން ނެގިއިރު އެމީހާގެ ހާލަތާއި ގުޅޭގޮތުން ސުވާލުކުރުމުން ބުނެފައިވަނީ އެކަމުގައި ޖަވާބެއް ދެއްވާނީ ޑޮކްޓަރުން ނުވަތަ ފުލުހުން ކަމަށެވެ. ފުުލުހުން ވަނީ އެމީހާ މޫދުން ނެގި އިރުވެސް މަރުވެފައިވާކަން މިނޫހަށް ޔަގީން ކޮށްދީފަ އެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ހިންގާފައެވެ.
ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 09:36 ހާއިރު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، އެންމެ ފުރަތަމަ ބާލާފައިވަނީ ކްރޮސްރޯޑަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުކަމަށް އެފަރާތުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!