ކަނޑުމަގުން ރާއްޖެއައި މިފްކޯގެ "އެމް.ވީ ޖަޒީރާ ރީފާރ" ބޯޓުން ގިނަ އަދަދެއްގެ ބަނގުރަލާއި މަނާތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން ޙަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިބޯޓު ބަލާ ފާސްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ބެންކޮކުން ފުރައިގެން ގއ. ކޫއްޑުއަށް އައި އެމް.ވީ ޖަޒީރާ ރީފާރ ބޯޓްގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ކަސްޓަމްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންކަމަށެވެ.
އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވސްސް ނެޝަނލް ޑިފެންސް ފޯސްއާއި ގުޅިގެން ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި، ޤަވާއިދާ ޚިލާފަށް ބޯޓުގައި ހުރި ބަނގުރަލާއި އެހެނިހެން މަނާ ތަކެތި ފެނިފައިވާކަމަށް ބުންޏެވެ.
އިތުރަށް ފެނިފައިވަނީ ކޮން މަނާތަކެއްޗެއް ކަމެއް ފުލުހުން އަދި ކަސްޓަމްސް އިންވެސް ހާމައެއް ނުކުރެއެވެ،
މިމައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ބޯޓުން ފެނިފައިވާ ބަނގުރާތައްވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައިކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންވެސް ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!