ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެސޯސިއޭޝަންކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ކާމިޔާބު ކޮށްފިއެވެ.

މިރޭ ސޯސަލް ސެންޓަރުގެ އިންޑޯ ވޮލީ ކޯޓުގައި ކުޅުނު ފައިނަލްމެޗް، ސްޕޯޓްސް ކުލަބް ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-2 ސެޓުން ވެމްކޯ ބަލިކޮށްގެންނެވެ.

Ad
rt

މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ބަލާހިތްވާކަހަލަ ވާދަވެރި މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ސެޓް ވެމްކޯއިން ކާމިޔާބު ކޮށްފައި ވަނީ 25-15 އިންނެވެ.

ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓުގައި ސްޕޯޓްސް ކުލަބް ސިޓީ ފެނިގެން ގޮސްފައި ވަނީ ވަރުގަދަ ކޮށެވެ. ދެވަނަ ސެޓް ސިޓީން ކާމިޔާބު ކޮށްފައި ވަނީ 25-19 އިންނެވެ.

ތިނަވަން ސެޓްގެ ފުރަތަމަ ކޮޅު ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ވާދަވެރި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ސެޓުގެ ފަހުކޮޅު ސިޓީން ވަނީ ތަފާތުދައްކައި 25-19 އިން ސެޓް ކާމިޔާބު ކޮށްފައެވެ.

މެޗުގެ ހަތަރުވަނަ ސެޓަކީ ވާދަވެރިކަން ބޮޑުވި ސެޓެކެވެ. ސެޓު ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެޓްގެ ފަހުބައިގައި ވެމްކޯއިން ވަނީ ތަފާތު ދައްކައި އެ ސެޓް 25-23 އިނަ ކާމިޔާބު ކޮށްފައެވެ.

މެޗުގެ ފަސްވަނަ ސެޓަކީ ނޭވާ ހިފަހައްޓާލަން ޖެހޭފަދަ އެތައް ދަނޑިވަޅެއް އައި، ފޯރިގަދަ ސެޓެކެވެ. މި ސެޓު ފެށިގެން ފަހުވަގުތާ ހަމައަށް ވެސް ދެ ޓީމްގެ ފަރާތުން ފެނިފައި ވަނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ތަކުރާރުކޮށް މެޗް ނިންމަން ލިބިފައިވެއެވެ. މި ސެޓް 19-17 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ސިޓީން ވަނީ ހޯދާފައެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ ސިޓީގެ ހުޒާމް، ހުސެއިން ޔޫސުފް، ސިފައިންގެ ޓީމުގެ އާދަމް ނަސީމް، ހުސެއިން ޝާހިދު، ގުޑީސް ސްޕޯޓްސް ކްލަބްގެ ހަސަން ނިލާމް، ވެމްކޯގެ އާދަމް ފައިރޫޒް، ޕޮލިހުގެ މުހައްމަދު ނައީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސިޓީގެ ކޯޗް ހުސެއިން ޝަރީފް، އެންމެ އުންމީދީ ކުޅުންތެރިއަކީ ޕޮލިސް ޓީމްގެ މާއިޝް އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އިސްމާއިލް ސާޖިދުއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސިޓީގެ ވިނީތު ކުމާރެވެ.