ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އެ ކުންފުނިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށެވެ. އެހެންވެ މާދަމާއިން ފެށިގެން ތެކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެސްޓީއޯއިން ބުނި ގޮތުގައި މާދަމާއިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭ އަގުތަކަށް ބަދަލު އަންނާނެއެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55 ރ. އަށް އަދި ޑީސަލް ލީޓަރެއް 16.77 ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިބަދަލާއި އެކު ޕެޓްރޯލް ލީޓަރަކުން ބޮޑުވެފައިވަނީ 2.17 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 1.75 ރުފިޔާ އެވެ.

އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މާޗް މަހުގެ ތެރޭގަ އެވެ. އެދުވަހު އިއުލާން ކުރީ ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.60ރ. އަށް އަދި ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. ކަމަށެވެ.

އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހުރހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު އަދަދަކަށް މިއަހަރު އަރައިފައެވެ. ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އަރައިފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މާބޮޑަށް އުފުލުނަ ނުދޭން ސަރުކާރުން އަންނަނީ ތެލުގެ ސަބްސިޑީ އިތުރުކުރަމުންނެވެ.