ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 18.4 މިލިއަން ޔޫރޯ (299 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މި ލޯނު ނެގީ ލެބޯޓްރީ އާއި އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށެވެ. މިއީ ކޮންސެޝަނަލް ލޯނެއް ކަމަށާއި ދައްކަން ދިގު މުއްދަތެއް ލިބޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ލޯނު ނެގިކަން ހާމަ ކުރި ނަމަވެސް ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
މި ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އީއައިބީގެ ފަރާތުން ސޮއި ކުރެއްވީ ގްލޯބަލް ޕާޓްނާސް ޑައިރެކްޓަރު މާރިއާ ޝޯއެވެ.
މިއީ އީއައިބީގެ ސައުތު އޭޝިއާ ޕަބްލިކް ހެލްތު ކެއާ ކޮވިޑް-19 ޕްރޮގްރާމުގެ ދަށުން ދޫކުރި ލޯނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!