އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ދެ ޝޭހެއްގެ ހުއްދަ ބާތިލްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނޭރުނު ބަޔާނެއްގައި ބުނީ ޝައިހު ފަޟްލޫން މުހައްމަދާއި، ޝައިހު އާދަމް ނިޝާން އަށް ދޫކޮށްފައިވާ ދީނީ ތަގުރީރު ކުރުމާއި ވައުޛު ދިނުމުގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި ދެ މީހުންގެ ހުއްދަ ވެސް ބާތިލު ކުރީ ދެމީހުންގެ މައްޗަށް ފުލުހުން ޖިނާއީ ތަހިގީގެއް ހިންގަން ފަށާފައިވާތީ ކަމަށެވެ.
އެގޮތުން އިއްޔެގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަދައްކައި އެމީހުންނަށް ހިއްވަރުދީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ އިތުރުން އެމީހުންނާއި މެދު ފިޔަވަޅު އެޅި ގާޒީންނަށް ބަދުބަސް ރައްދުވާގޮތަށް ވާހަކަދައްކާތީ ފުލުހުން މި ދެ ޝައިހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދެމީހުން ވެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެނގިފައިވާގޮތުގައި މި މައްސަލާގައި މި ދެ ޝައިހުން ވަނީ ހައްޔަރުކޮށްފައެވެ.
މިނިސްޓްރީގެ ބަޔާނުގައިވާގޮތުގައި ޝޭހް ފަޒްލޫން އަކީ ޔޯގާ އިވެންޓް ހުއްޓުވުމަށް ދަނޑުކައިރިއަށް މީހުން އެއްވާން ގޮވާލި ފަރާތެވެ. އަދި ނިޝާންވެސް އެ ސަރަހައްދުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވާހަކަދައްކާފައިވެއެވެ.
މި މައްސަލާގައި މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 6 މީހަކު ހައްޔަރުކުރީ އިއްޔެ ހަމަނުޖެހުމުގެ ތެރެއިންނެވެ. އަދި ބާކީ 6 މީހުން ހައްޔަރުކުރީ މިއަދުއެވެ. އެ ދެ ޝައިހުން ވެސް ހައްޔަރުކޮށްފައިވަނީ މިއަދުއެވެ.
އެކަމަކު މިއަދު ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!