ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ހޯދަދިނުމުގެ އެންމެ ބޮޑު އެއް އަމާޒަކީވެސް މާލެއާ ރާއްޖޭގެ އެހެން ސަރަޙައްދުތަކާ ހުރި ފަރަގު ކުޑަކޮށް، ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް މިއަދު މެންދުރުފަހު ކުރެއްވި ޒިޔާރަތެއްގައި އެ މުއައްސަސާގެ މުވައްޒަފުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ނައިބް ރައީސް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ބާއްވާ މިފަދަ މުބާރާތްތަކަކީ މާލެއަށް އަމާޒުވެފައިވާ ކަންކަމަށް ނުހައްދަވައި، މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވެސް މިފަދަ މުބާރާތްތަކާއި ހަރަކާތްތައް ބޭއްވުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ. މާލެ ފިޔަވާ އެހެން ސަރަޙައްދުތަކަށް ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތައް ގެންދެވިފައިނުވުމަކީ ހިތާމަކުރައްވާކަމެއްކަން ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ 37 ގޮފި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވިފައިވާއިރު، އޭގެތެރެއިން މިހާރު ކިޔަވައިދިނުން ހުއްޓިފައިވާ ރަށްރަށުގެ ގޮފިތަކުގައި އަލުން ކިޔަވައިދޭން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ފުރުޞަތެއްގައި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން މިސަރުކާރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފައިވަނީ އެމަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ރަމަޟާން މަހު ބޭރު ޤައުމުތަކުން ޤާރީން ގެންނަން ޖެހުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި، ޤުރުއާން މުދައްރިސުންނާއި ޤާރީން ތަމްރީނުކުރަން ޖެހިފައިވާ މިންވަރު މިކަމުން ވަޒަންކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެމަރުކަޒުގެ ޢިމާރާތުގެ ޙާލަތުވެސް ބައްލަވާލައްވާފައިވެއެވެ.