ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އިއްޔެ ފެށި މި މަސައްކަތަކީ ނޭޝަނަލް ސެންޓަރ ފޯ ކަލްޗުރަލް ހެރިޓެޖް އާއި ހެރިޓެޖް މިނިސްޓްރީ އާއި ސްޓެލްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.

Ad
rt

ސްޓެލްކޯއިން ވަނީ މި މަސައްކަތް ފާއިތުވި 3 އަހަރު ވެސް ވަނީ ކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންގެ ކުންފުންޏަކަށްވާއިރު އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ފުރިހަމަ ކުރުން މުހިންމު ކަމަށެވެ. އަދި މި ޒިންމާގެ ދަށުން ތާރީޚީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މުންނާރު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންމެ މަހަކު ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތާ ގުޅޭގޮތުން ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ހުކުރުު މިސްކިތް ފަދަ ތަރިކަތައް ރައްކާތެރި ކުރުމުގައި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ތަރިކަ ރައްކާތެރި ކުރުމަކީ އެންމެންގެ ޒިންމާއެއް ކަން ފާހަގަކުރައްވާ ސްޓެލްކޯއިން ދައްކުވައިދެނީ ފުރިހަމަ ނަމޫނާއެއް ކަމަށާއި އެހެން ކުންފުނިތަކުންވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.