“ޔޯގާ ހެދުމަކީ ޙަރާމް ކަމެއްތަ ނޫނީ ޙަލާލު ކަމެއްތަ؟” ޑރ. މޫސާ އަންވަރު ހަސަންގެ ގަލަމުން ތިލަކޮށްދީފި އެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަން ހަރާކާތްރަށް ރޭވުމާއި އެކު މިކަމާއި ދެކޮޅަށް އާންމުންގެ ތެރޭގައި އައީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލަމުންނެވެ. މިކަމަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ވަނީ މިހަރަކާތް ގަލޮޅު ދަނޑުގައި އިއްޔެ ހެނދުނު ބާއްވާފަ އެވެ. ހަރަކާތް ކުރިއަށް ދަނިކޮށް އެ ތަނަށް ބަޔަކު ވަދެގަނެ ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.
މިއާއި އެކު މީސްމީޑިޔާގައި “ޔޯގާ ހެދުމަކީ ޙަރާމް ކަމެއްތޯ ނޫނީ ޙަލާލު ކަމެއްތޯ” ބަހުސް ގަދަވެގެން ދިޔަ އެވެ. މިބަހުސްގެ ތެރެއިން އަޅައިގަތީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކުރައްވައިފައިވާ އިލްމުވެރިޔާ ޑރ. މޫސާ އަންވަރު ހަސަންގެ ފޭސްބުކް ޕޯސްޓެކެވެ.
މިސްރުގެ އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަނުން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ފިގުހު އުސޫލުލް ފިގުހު އިން މާސްޓަސް ޑިގްރީ ނަންގަވާފައޖވާ އަދި ދާދި ފަހުން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން ޕީއެޗްޑީ ހާސިލްކުރައްވައިފައިވާ ޑރ. މޫސާ އަންވަރު ހަސަން “ޔޯގާ ހެދުމަކީ ޙަރާމް ކަމެއްތަ ނޫނީ ޙަލާލު ކަމެއްތަ؟” މިސުރުހީއަށް ލިޔެފައިވާ މަޒުމޫނަށް އެއްވެސް އުނިއިތުރު ކުރުމެއްނެތި ތިރީގައި ހިއްސާކޮށްލާނަމެވެ.
ޔޯގާ ހެދުމަކީ ޙަރާމް ކަމެއްތަ ނޫނީ ޙަލާލު ކަމެއްތަ؟
ޔޯގާ ކުޅިވަރެއްގެ ގޮތުގައި މަޝްހޫރުވެގެން ދިއުމާއި ގުޅިގެން މީސްތަކުންގެ ތެރޭގައި އުފެދިފައިވާ ސުވާލަކީ ޝަރުޢީ ގޮތުން މިކަމަކީ ހުއްދަކަމެއްތޯ ނުވަތަ ނޫންތޯއެވެ. ޔޯގަ ނުވަތަ މީހާ ރިލެކްސް ވުމަށް ކުޅިވަރެއްގެ ގޮތުގައި މިކަން ކުރެވިދާނެތޯ އެވެ. ކުޑަވެސް ޝައްކެއްނެތް ގޮތުގައި އިސްލާމްދީން ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިންސާނާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ. އެހެންކަމުން އެކަލާނގެ އިސްލާމްދީނާ ފުށުއެރުމެއް ނުވާ ކުޅިވަރުތައް ކުޅުން ވަނީ ހުއްދަ ކުރައްވާފައެވެ.
ޔޯގާގެ މަފުހޫމް:
މިބަހުގެ މާނައަކީ ޤަދީމީ ހިންދޫޒަމަށް ނިސްބަތް ކުރެވޭ ރޫޙީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ޙަރަކާތްތަކެކެވެ. މިއީ ފަންނީ ޙަރަކާތް ތަކެކެވެ. މިކަން ގުޅިފައިވާ ވިސްނާ ފިކުރު ކުރުމާއި ޒާހިދުވުމާއި ތަޞައްވުފުގެ މައްޗަށެވެ. ޔޯގާގެ ތަޖުރިބާ ކާރުން ބުނާ ގޮތުގައި ޔޯގާ ހަދާ މީހަކީ ކޮންމެހެން ވަކި ދީނަކަށް ނިސްބަތްވާ މީހަކަށް ވާކަށް ނުޖެހެއެވެ. އަދި އޭނާ ޤަބޫލު ކުރާ ޤަބޫލު ކުރުންތައް ދޫކޮށްލައިގެން ޔޯގާ ހަދާކަށް ނުޖެހެއެވެ. ޔޯގާގެ ވަރަށް ގިނަ ބައިތަކެއް ވެއެވެ. އޭގެ ތެރޭގައި ހާޘާ ޔޯގާ، ކާރުމާ ޔޯގާ، ރާޖާ ޔޯގާ، ހިމެނެއެވެ. މީގާއި ދެ ދާއިރާއެއް ނުވަތަ ނާޙިޔާއެއް ވެއެވެ. އެއީ ފިކުރީ ބަޔާއި ޢަމަލީ ބައެވެ. ފިކުރީ ބައިގެ ތެރޭގައި މީހާގެ އެތެރެފުށުގެ އީމާންކަމާއި ރޫޙާނީ ބައި ހިމެނެއެވެ. ޢަމަލީ ބަޔަކީ ހަށިގަނޑުގެ ބޭރުފުށުން ކުރާ ޙަރަކާތްތަކެވެ. ނުވަތަ ތަމްރީނު ތަކެވެ. މީގައި ހިމެނީ ވިސްނާ ފިކުރު ކުރުމެވެ. ތިމާގެ ނަފުސާއި އެނޫންކަންކަމުގެ މައްޗަށް ބާރު ފޯރުވުމެވެ. ޔޯގާ ހަދާ މީހުން ބުނާ ގޮތުގައި، ޔޯގާ ބިނާވެގެންވަނީ ތިން މިޙްވަރެއްގެ މައްޗަށެވެ. އެއީ ހަށިގަނޑުގެ ބާރާއި، ނަފުސާނީ ބަރާއި ސިކުނޑީގެ ބާރެވެ.
މުސްލިމުން ޔޯގާ ހެދުމާއި ބެހޭ ގޮތުން ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އެއްބައި ޢިލްމުވެރިން މުޠުލަޤުކޮށް ހުއްދަ ކަމެއް ކަމުގައި ބުނާ އިރު އަނެއް ބައި ޢިލްމުވެރިން މުޠުލަޤުކޮށް އެއީ ޖާއިޒު ކަމެއް ކަމުގައި ބުނެއެވެ. އަދި އަނެއް ބައި ޢިލްމުވެރިން ކަނޑައެޅިގެން ޙަރާމްކަމެއް ކަމުގައި ބުނެފައިވެއެވެ. އަދި އަނެއް ބައި ޢިލްމުވެރިން އެއީ މުބާޙު ކަމެއް ކަމުގައި ވެސް ބުނެފައިވެއެވެ.
ހުރިހާ ޢިލްމުވެރިން ވެސް އިއްތިފާޤު ވާގޮތުގައި ޔޯގާގެ އަޞްލަކީ ވަޘަނީ ދީނެވެ. އެއީ ބުޑިޒަމާއި ހިންދޫޒަމް އެވެ. މުޠުލަޤު ގޮތެއްގައި ޖާއިޒު ކަމަށް ވިދާޅުވާ ބޭފުޅުން ވިދާޅުވެފައިވަނީ ޔޯގާ ގައި ހިމެނޭ ހިތާއި އިމާން ކަމާއި ގުޅޭ ބައިތައް ވަކި ކުރުމަށް ފަހު ހުއްދަ ކަމުގައެވެ. މާނައަކީ ހަށިގަނޑު ބޭނުން ކޮށްގެން ކުރާ ކަސްރަތު ތަކެވެ. މަނަޢަ ކުރައްވާ ޢިލްމުވެރިން އެކަމަކީ މަނަޢަ ކަމެއްކަމުގައި ވިދާޅުވެފައިވަނީ އެއީ ވަޘާނީ ކަމަކަށްވާތީއެވެ. އެއީ ބުދަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތް ވެވޭތީއެވެ. ޢިލްމުވެރިންގެ ރާޖީޙް ރައުޔަކީ މުސްލިމުން ޔޯގާ ހެދުން ހުއްދަނުވާނެ ކަމަށް ބުނާ ރައުޔެވެ. މިކަމުގައި އެންމެ ރަނގަޅު ރައުޔަކީ އެއީއެވެ. އެއީ ޢަޤީދާގެ ކަމެއްގެ ގޮތުގައި ކުރި ކަމުގައި ވިޔަސް ނުވަތަ ތަޤްލީދު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ވިޔަސް ނުވަތަ އެމީހުން އެ ދަޢްވާ ކުރާ ފަދައިން ފައިދާ އެއް ހޯދުމުގެ ކަމުގައި ކުރި ކަމުގައި ވިޔަސް މެއެވެ."
ޔޯގާ އަކީ ކުޅިވަރެއްތޯ ނުވަތަ ދީނީ ރޫޙާނީ ކަމެއްތޯ:
ޔޯގާ ހެދުމަކީ ޙަރާމް ކަމެއްތަ ނޫނީ ޙަލާލު ކަމެއްތޯ، ވާހަކަ ދައްކަވަމުން ޢިލްމުވެރިން އިންޑިޔާގެ ޑިކްޝަނަރީތަކުން ޔޯގާގެ ވަރަށް ގިނަ ތަޢްރީފުތަކެއް ބަޔާން ކުރައްވާފައިވެއެވެ. މިތަޢްރީފު ތަކުގެ ތެރޭގައި "އެކުވުމާއި، އެކަލާނގެ އާއި ގުޅުން، މާނައަކީ ހަށިގަނޑާއި، ޖިސްމާއި، ސިކުނޑީ، އާއި الله ގުޅިގެން ދިއުމެވެ. މީގެ ޒަރިއްޔާއިން އިންސާނާއަށް ޙިކުމަތާއި މަޢްރިފާ ލިބިގެން ދިއުމެވެ. އަދި ހަމައެފަދައިން ޔޯގާގެ ތަޢްރީފުގެ ތެރޭގައި "އިންސާނާ އާއި ރޫޙު ގުޅިގެން ދިއުން" ހިމެނެއެވެ. އެމީހުން ބުނާ ގޮތުގައި އެއީ ރޫޙީ ކައުނެވެ. މާނައަކީ މާތް الله އެވެ. އެހެން ކަމުން މިކުޅިވަރުގެ ތެރެއިން ހުރިހާ ދީން ގުޅިގެން ދެއެވެ. ޔޯގާ ގައި އެކުލެވެނީ ވަކި ވައްތަރެއްގެ ޠުޤޫސްތަކެކެވެ. އޭރެ ތެރޭގައި "سوريا ناماسكارا" ޢަރަބި ބަހުގައި މީގެ މާނައަކީ އަށް ގުނަވަން ބޭނުންކޮށްގެން އިރަށް ސަޖިދަ ކުރުމެވެ. އިރުއަރާއިރު އާއި އިރުއޮއްސޭއިރު ބަރަހަނާ ޙާލުގައި އިރަށް ކުރިމަތިލައިގެން ތިބުމަކީ ޔޯގާ ހަދާއިރު އެންމެ ރަނގަޅު ގޮތެވެ. ޔޯގާގެ ތެރޭގައި އިރަށާއި ބުދަށް އަޅުކަން ކުރުމުގެ ވަރަށް ގިނަ ކަންކަން އެކުލެވިގެން ވެއެވެ. އަދި ޔޯގާ ހަދާ މީހާއަކީ ވެޖިޓޭރިނަކަށް ވާން ޖެހެއެވެ. އަދި ކޮންމެ ދުވަހަކު ވެސް ކަނޑައެޅިގެން ހުރި ޝިރުކުގެ ބަސްތައް ކިޔަން ޖެހެއެވެ. ހަށިގަނޑުގެ ކުޅިވަރަކަށްވުރެ ބޮޑަށް ޔޯގާގައި ހިމެނެނީ މާތް الله އަށް ޝަރީކު ކުރުމުގެ ޙަރަކާތްތަކެވެ.
ޔޯގާ ޙަރާމް ވުމުގެ ސަބަބުތައް:
ހުރިހާ ޢިލްމުވެރިންގެ ވެސް ރާޖިޙު ރައުޔަކީ ޔޯގާ އަކީ ޙަރާމް ކަމަށް ބުނާ ރައުޔެވެ. ޙަރާމް ވުމުގެ ސަބަބުތަކުގެ ތެރޭގައި މަންޠިޤީ ސަބަބުތައް ވެސް ހިނެއެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރިޢަތާއި ޚިލާފުވުން ހިމެނެއެވެ. މީގެ އިތުރުން:-
1- ޔޯގާގެ އަސްލަކީ އިރަށް އަޅުކަން ކުރުމުގައި ހިމެނޭ ޙަރަކާތްތަކެކެވެ. އެކަން ތައުޙީދުގެ ޢަޤީދާ އާއި ފުށުއަރައެވެ. އެއީ ކަނޑައެޅިގެން ހުރި ޝިރުކެކެވެ.
2- އިޢުތިޤާދީކަމެއް ކަމުގައި ނުލާ ޔޯގާ ހަދާމީހާ އެ ކޮޕީ ކުރަނީ ބުޑިޒަމްގެ ގޮތްތަކެވެ. އަދި އެމީހުންނާއި އެއްގޮތްވަނީއެވެ.
3- ޔޯގާގައި ޖަނަވާރުންނާއި އެއްގޮތްވުމުގެ ގޮތްތައް ހިމެނެއެވެ. އަދި މީހާ ދުނިޔެއަށް ފޮނުއްވި ގޮތަށް ހުރެ އެކަން ކުރުމަށް ބާރު އަޅައެވެ. މިކަމަކީ އިސްލާމްދީނާއި ޚިލާފު ޢަމަލެކެވެ. މިއީ އިންސާނީ ފިޠުރަތާއި ޚިލާފު ޢަމަލެކެވެ.
4- ޔޯގާ ބިނާވެގެންވަނީ ދޮގުހެދުމާއި ދަޖަލު ކުރުމުގެ މައްޗަށެވެ.
5- ޔޯގާގެ ތެރޭގައި ސިއްރުވެ ވަންހަނާ ވެގެންވާ ވަރަށް ގިނަކަންކަން ހިމެނިގެންވެއެވެ.
ކުޅިވަރަކީ ޙަރާމްކަމެއް ހެއްޔެވެ؟
ކުޅިވަރަކީ އިސްލާމްދީނުގައި އެކަން ކުރުން އެދެވިގެންވާ އަދި އަދި ބާރު އަޅުއްވާފައިވާ ކަމެކެވެ. އިސްލާމްދީނުގެ ފުރިހަމަ ކަމުގެ ތެރޭގައި، ދީނަކީ ޝާމިލު ދީނަކަށް ވުން ހިމެނެއެވެ.
އިސްލާމްދީނުގައި އިންސާނާގެ ރޫޙަށާއި ހަށިގަނޑަށް ވަރަށް ބޮޑު އަހުމިޔަތު ކަމެއް ދީފައިވެއެވެ. އަދި އެރޫޙަށް އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭ ސަބަބުތައް ހޯދައިދިނުމަށް ބާރު އަޅާފައިވެއެވެ. އަދި ހަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުންވާ ޢަވާމިލުތަކަށް ސަމާލުކަން ދީފައިވެއެވެ.
ކީރިތި ނަބިއްޔާ صلى الله عليه وسلم އަރިހުން ވާރިދުވެފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.
(المؤمنُ القويُّ خيرٌ وأحبُّ إلى اللهِ من المؤمنِ الضعيفِ وفي كلٍ خيرٌ)
މާނައީ:"ބަލިކަށި މުއުމިނަކަށްވުރެ ހުރިހާ ގޮތަކުން، ގައިގެ ބާރުހުރި މުއުމިނާ، މާތް الله ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑެވެ."
ކުޅިވަރަކީ ހަށިގަނޑު ވަރުގަދަ ކުރުމުގެ އެއް ވަޞީލަތެވެ. ކުޅިވަރުގެ ސަބަބުން ހަށިގަނޑަށް، އެހަށިގަނޑުގެ ވަޒީފާތައް ފުރިހަމައަށް އަދާކުރުމަށް އެހީތެރިކަން ލިބިގެން ފެއެވެ. ހަށިގަނޑުގެ ލޭ ތައް ވަކި ނިޒާމެއްގެ ތެރޭގައި ހަރަކާތް ކުރުވައެވެ. ގުނަވަންތައް ވަރުގަދަ ކުރުވައެވެ. ސަރުބީތައް ވިރުވާލައެވެ. މީހާގެ އަޚްލާޤު ފުރިހަމަކޮށްދީ ފަރުދުންނާއި އޮންނަ ގުޅުންތައް ހަރުދަނާކޮށް ދެއެވެ. ކީރިތި ރަސޫލާ ވަނީ މުސްލިމުން އެމީހުންގެ ދަރިންނަށް ތަފާތު ވައްތަރުގެ ކުޅިވަރުތައް އުނގަންނައިދިނުމަށް ބާރު އަޅުއްވާފައެވެ.
ابن حجر އެކަލޭގެފާނުގެ فتح الباري ގައި"اَلْحَدِيثِ مَشْرُوعِيَّة اَلْمُسَابَقَةِ" "ކުޅިވަރުތައް ހުއްދަ ކުރެވުމުގެ ވާހަކަ" މިފަދައިން ބަޔާން ކުރައްވާފައިވެއެވެ.
(وَأَنَّهُ لَيْسَ مِنْ اَلْعَبَثِ بَلْ مِنْ اَلرِّيَاضَةِ اَلْمَحْمُودَةِ اَلْمُوصِلَةِ إِلَى تَحْصِيل اَلْمَقَاصِد فِي اَلْغَزْوِ وَالانْتِفَاعِ بِهَا عِنْدَ اَلْحَاجَةِ، وَهِيَ دَائِرَةٌ بَيْنَ اَلاسْتِحْبَابِ وَالإِبَاحَةِ بِحَسَبِ اَلْبَاعِث عَلَى ذَلِكَ)
މާނައަކީ:"ހުއްދަ ކުޅިވަރުތައް ކުޅުމަކީ އެއްވެސް ޙާލެއްގައި މައްސަލައެއް ނޫނެވެ. އެކަމުން ޙާޞިލު ކުރަން ބޭނުންވާ މަޤްޞަދަކީ ބޭނުން ޖެހޭ ވަގުތު ހަނގުރާމައިގައި އެކަމުން ފައިދާ ހޯދުމެވެ. އެކަން ބިނާވެގެންވާ ގޮތުގެ މައްޗަށް ބަލައި އެކަން ހިމެނިގެންވަނީ މުސްތަޙައްބު އަދި މުބާޙު ކަންކަމުގެ ތެރޭގައެވެ."
ޔޯގާ ޙަރާމް ވުމުގެ މައްސަލަ އާއި ބެހޭ ގޮތުން ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާފައިވަނީ މުސްލިމުން ވަކި ޝަރުޠެއްގެ މަތިން ޔޯގާ ހެދުން ހުއްދަ ކުރެވިދާނެ ކަމުގައެވެ. އޭގެ ތެރޭގައި ބުދަށް އަޅުކަން ކުރުމުގެ ބަސްތަކާއި ޠުޤޫސްތައް ދޫކޮށްލުމާއި، އިރަށް ކުރިމަތިލައި ގުދުވުން ދޫކޮށްލުން ހިމެނެއެވެ.
މީގެ އިތުރުން، އެކަން ކުރާ ތަރުތީބު ބަދަލު ކުރުމާއި ވަޘަނީ ގޮތްތަކާއި ޚިލާފު ސްޓެޕްތައް ޔޯގާގެ ތެރެއަށް އިތުރު ކުރުމާއި، ހިންދޫންނާއި ބުޑިސްޓުން އެކަން ކުރުމަށް ބާރު އަޅާ ވަގުތުގައި އެކަން ނުކުރުން ހިމެނެއެވެ.
ނަމަވެސް ޝުބުހާތަކުން ދުރުހެލިވުމަށް އެންމެ އައުލާ ވެގެންވަނީ މުސްލިމުން ޔޯގާ ހެދުން ދޫކޮށްލުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!