މިއަދުގެ ހަމަނުޖެހުމުގައި ބޭނުންކުރި ބައެއް ތަކެތި ޕީޕީއެމް އޮފީހުން ދިން ކަމަށް ފުލުހުން ބުނެފިއެވެ.
ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް މިއަދު ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އެ ހަރަކާތުގެ ތެރެއަށް ވަދެގަނެ ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
އެތަނަށް ވަން މީހުން ބޭނުންކޮށްފައި ވަނީ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެކެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި އާންމުވި ބައެއް ފޮޓޯތަކުން ފެންނަގޮތުގައި އެ ދިދަތައް ރޭ ފަތިހު ނެރުނީ ޕީޕީއެމް ގެ މައި އޮފީހުންނެވެ. އެކަމަކު ޕީޕީއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ.
އެކަމަކު އެ ދިދަތަކަކީ ޕީޕީއެމްއިން ނަބުއްޔާގެ ދިފާއުގައި ކަމަށް ބުނެ ބޭއްވި އެއްވުންތަކާއި ޖަލްސާގައި ބޭނުންކުރި ދިދަތައް ކަން އެނގިފައިވެއެވެ.
އެ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނުގައި ބުނީ އެ ހަމަނުޖެހުމުގައި ބޭނުންކުރި ބައެއް ތަކެތި ނެރުނީ އެ އޮފީހުންކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ. އެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ބައިވެރިވި މީޙުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ސިރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ކުށްވެރިކޮށް ހަރުކަށިކޮށް މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!