ވަޒީފާގެ މުސާރަ ދޭން އޮތް ދުވަހެއްގައި، މުސާރަ ބަލާ ދިއުމުގެ ކުރިން އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ގާތުގައި އަހާލިއެވެ. ބައްޕަ މިއަދު މުސާރަ ނަގައިގެން އަންނައިރު ދަރިފުޅުމެންނަށް ގެނެސްދޭންވީ ކޮން ހަދިޔާއެއް ހެއްޔެވެ؟
އަޅުގަނޑު އެދުވަހު ބުނީމެވެ. އަޅުގަނޑަށް އަތަރު ފުޅިއެއް ގެނެސްދެއްވާށެވެ. އޭރު އަހަރެންގެ އުމުރަކީ ފުރާވަރުގެ އުމުރުފުރާއެވެ. އޭގެފަހުން މިހާރު އެތައް އަހަރެއް ވެއަތުވެއްޖެއެވެ. ބައްޕަ މިއާދައިގެ މަތީގައި ދެމިހުންނެވިއެވެ. އަޅުގަނޑު އެންމެފަހުން މީހަކާ އިނދެ، އަޅުގަނޑުމެންނަށް ދަރިންވެސް ލިބުނީއެވެ. އަދި ދުނިޔޭގެ އެކި ކަންކަމަށް އަޅުގަނޑުމެންގެ ލޯ ވަނީ ހުޅުވިގެންގޮސްފައެވެ. އެހެނަސް އަޅުގަނޑުމެންގެ ބައްޕައަށް މިހާރުވެސް މުސާރަ ލިބޭ ދުވަސް އައުމާއެކު އަޅުގަނޑުގެ ދަރިންނަށް ގުޅައި، މުސާރަ ލިބުމާއެކު އެކުދިންގެ ކާފަގެ ފަރާތުން ހަދިޔާއަކަށް އެދުވަހު ގެނެސްދޭންވީ ކޮން އެއްޗެއްތޯ އަހައެވެ.
އަހަރުތައް ވެއަތުވަމުންގޮސް އަހަރެން، އަހަރެންގެ ދަރިންނާއެކު އެއްބަސްވުމަކަށް ދިޔައީމެވެ. އެއީ ކޮންމެ މަހަކުވެސް މަހު މުސާރަ ލިބުމާއެކު އޭގެއިން ވަކި މިންވަރެއް ފަޤީރަކަށް ސަދަޤާތް ކުރުމަށެވެ. އަދި މުސާރަ ލިބޭ ދުވަހުގައި އަޅުގަނޑުމެން އެންމެން އިށީނދެ ތިބެ މިމަހުގައި މުސާރައިން ފަޤީރަށް ދޭންވީބައި ދޭނެ މީހެއް ކަނޑައަޅަމެވެ.
މަތީގައި މި ޒިކުރު ކުރެވުނު ވާހަކައަކީ ތަރުބިއްޔަތުގެ ލާމަސީލު މިސާލެއް ފެންނަ ވާހަކައެކެވެ. ވާހަކައިން ފެނިގެންދަނީ ދަރިންނާއެކީ އޮންނަ ގުޅުން ރަނގަޅުކުރުމަށް ތަފާތު "ޓެކްޓިކެއް" ގެންގުޅޭ ބައްޕައެކެވެ. މުސާރައަކީ މުޅި މަހު ބުރަކޮށް މަސައްކަތް ކޮށްފައި އަތަށް ލިބޭ ރިޒުޤެކެވެ. ދިރިއުޅުމުގެ ވަރަށް މުހިންމު ބައެކެވެ. މިމުސާރައިން ބައެއް ކޮންމެ މަހަކުވެސް ވަކި މީހަކަށް ނުވަތަ ބަޔަކަށް އިލްޒާމުކަމަކާނުލާ ލިބޭނަމަ، އެމީހަކަށް ނުވަތަ އެބަޔަކަށް އެއީ ވަރަށް ޚާއްސަ މީހެއް ނުވަތަ ބައެއްކަމުގެ އިހުސާސް ކުރެވޭނެއެވެ.
އެއީ ކީއްވެތޯއެވެ. މިއީ މުޅިން އެހެން މީހެއް، އެތައްދުވަހެއްގެ ދާ އޮހޮރުވުމަކަށްހަފު، އޭނާ އެހުރިހާ ދުވަހަކު އެއޮހޮރި ދަލާ، އުފުލި ބުރަޔާ، އެޅި ވޭނުގެ ފޮނި ނަތީޖާއެވެ. މިއީ ޙަޤީޤަތުގައި އަހަންނާ ބެހޭވެސް އެއްޗެއް ނޫނެވެ. ނަމަވެސް އެ މުސާރަ ލިބޭ ދުވަހު އެއާ ގުޅުވައިގެން އަހަންނަށް ހަދިޔާއެއް ދޭނަމަ އަހަރެން ގައިމުވެސް ވާނީ އެމީހެއްގެ ހިތުގައި ވަރަށް ބޮޑު ޚާއްސަ ކަމެއް ދެވިފައިވާ މީހަކަށެވެ. ކޮށްލާ މިފަދަ ކުޑަކުޑަ ކަންކަމުން ލިބިގެންދާ ވަރަށް ވަރުގަދަ ފައިދާތަކެއް ވެއެވެ.
ފުރަތަމަ ކަމަކަށް، ކުރިންވެސް ބުނެވި ދިޔަ ފަދައިން މައިންބަފައިންނާ ދަރިންނާ ދެމެދުގައި ވާ ގުޅުން ވަރުގަދަވެގެން ދެއެވެ. މިކަމަކީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ހާސިލުކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނޭ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ދަރިފުޅު ބޮޑުވަމުންދާ ވަރަކަށް، ޚާއްސަކޮށް ފުރާވަރަށް އަރަމުންދާ ވަރަކަށް ދަރިފުޅު ގެ ހިއްސުތަކާއި ސިކުނޑި، ދުނިޔެއަށް ހުޅުވިގެންގޮސް، ގެއިން ބޭރުން ފެންނަ ކަންކަމާ، މީހުންނާ ގުޅުން ބަދަހިވާނެތީއެވެ. އެވަގުތަކީ މައިންބަފައިންނާ ދެމެދު އޮތް ގުޅުން ވަރުގަދަ ނޫން ވަގުތަކަށް ވާނަމަ، ދެން އެކުއްޖަކު ދާނީ މި ނާޒުކު އުމުރުގައި ވީހިނދު، އެކުއްޖާއަށް މަގުދައްކައިދޭން ތިބި މަންމައާއި ބައްޕައާއި ދުރުވަމުންނެވެ. އަދި ގިނަފަހަރަށް އޭގެ ނަތީޖާ ފޮންޏެއް ނުވާނެއެވެ.
ދެވަނަ ކަމަކަށް، ދަރިންނަށް މި ދެއްކެވެނީ ވަރަށް ރިވެތި ނަމޫނާއެކެވެ. މާތް އަޚްލާޤީ ސިފަތަކެކެވެ. އެހާ ބުރަމަސައްކަތުން އެހޯދާ މުސާރައިން އެބައްޕަ ގައިމުވެސް ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް އަދާ ކުރާނެއެވެ. އެއީ އެބައްޕަގެ މައްޗަށް ލާޒިމު ވެފައިވާ ކަމެކެވެ. އެއާއެކުވެސް ދަރިންނަށް އެ މުސާރައާ ގުޅުވައިގެން ހަދިޔާއެއް ދިނުމުން، ބައްޕަގެ ހިތްހެޔޮ ކަމާއި ހިތްތިރިކަން ދަރިންނަށް ފެނިގެން ދާނެއެވެ. އަދި މި އާދަ ދެމިގެން ދިއުމުގެ ސަބަބުން، އެކުދިން ގެ ހިތްތަކުގައި މި ސިފަ ޒީނަތްތެރިވެ، އެސިފައަށް ޢަމަލުކުރަން އެކުދިންވެސް ބޭނުންވާނެއެވެ. އެގޮތުން މި ކުޑަކުޑަ ޢަމަލުން އެކުދިންނަށް އެދަސްކޮށްދެވުނީ ވަރަށް މާތް ސިފައެކެވެ.
ހަމައެހެންމެ، އެކުދިންނަށް ސަދަޤާތް ދިނުމާއި ހަދިޔާ ބަދަލު ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ސިފަ ދަސްވެގެން ދާނެއެވެ. ސަބަބަކީ މަހުން މަހަށް މުސާރަ ލިބޭ މީހެއް އޭނާގެ މުސާރައިން ކޮންމެ މަހަކު ހަދިޔާ އެއް މިދެނީ އާމްދަނީއެއް މުސާރައެއް ނުލިބޭ ބަޔަކަށެވެ. އެއާއެކު އެފަދަ މިސްކީނުންނާ ފަޤީރުންނަށް އެހީތެރިވުމުގެ ޖޯޝު އެކުދިންގެ ކިބައިގައި އަށަގަނެއެވެ. އޭގެ އެންމެ ވަރުގަދަ ހެއްކަކީ ވާހަކަ ކިޔައިދޭ މީހާ، އޭނާގެ ބައްޕަގެ އެޢަމަލުން ޢިބުރަތް ލިބިގަތުމާއެކު، އޭނާގެ މުސާރައިން ބައެއް ފަޤީރުންނަށް ޚާއްސަކުރީތީއެވެ. އަދި އޭނާގެ ދަރިން އެކަމުގައި ބައިވެރި ކުރުމުން މި ފަދަ އެކަންތައް ކުރުން މަތީ ދެމިތިބޭނަމަ، ޖީލުތަކަށް ދެމިގެން ދާނެފަދަ ގޮތަކަށް އެކަންކަން ކުރިއަށް ދާނެކަން އެނގި ހާމަވެގެން ގޮސްފިއެވެ.
އަދި އެއްވާހަކަ ދައްކާލަން އެބަ ޖެހެއެވެ. މިއީ ނުހަނު ޘަވާބާއި ދަރުމަ ލިބެނިވި ހެޔޮ ކަމެކެވެ. އެއާއެކު އެތައް އަހަރެއް ވީއިރު މުސާރައިން އެތައް ބައިވަރު ފައިސާއެއް މިހާ ހެޔޮ ކަމަކަށް ހޭދަ ކުރެވުނީތީ އެކަމުގެ އުވާފެރިކަން އޭނާއަށް އަބަދުވެސް ލިބިލިބި ހުންނާނެއެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް އަޅުގަނޑުމެންގެ ދަރިންނަށް އެންމެ ފުރިހަމަ ނަމޫނާ ދައްކާ ބައެއް ކަމުގައި ވެގެން ދިއުމެވެ.
މިލިޔުމުގައި ޒިކުރު ކުރެވިފައިވާ ވާހަކައަކީ އެކި މުރައްބީންގެ ފޮތް ތަކުން ހޮވާލެވިގެން އެކުލަވާލެވިފައިވާ ވާހަކަތައް ހިމެނޭ ފޮތަކުން ނެގިފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ފޮތުގެ ނަން: 30 قصة للآباء والأمهات.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!