ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތަކުގައި އަންނަ މަހު މީހުން ދިރިއުޅެން ފެށޭނެ ކަމަށާއި ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއަށް 25 އަހަރުން ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފު ވިދާޅުވީ މިހާރު އެ ކުންފުނީގެ މެނޭޖުމަންޓުގައި ތިއްބެވީ މުވައްޒަފުންގެ މަސްލަހަތާއި މަންފާއަށްޓަކައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށެވެ. އެހެންވެ، ބޯޑުން މުވައްޒަފުންނަށް ކުލި ދެއްކުމުގައި ލުއި ގޮތެއް ހޯދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި އެ ކުންފުނިން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ، އަންނަ ޖުލައި މަހުގެ ފަހު ހަފުތާގައި އެ ފުލެޓުތަކަށް މުވައްޒަފުންނަށް ވަދެވޭނެ ކަމަށެ. އަދި ކުލި ދައްކަން ޖެނުއަރީއާ ހަމައަށް ގްރޭސްޕީރިއަޑެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާމުން ޖުލައި މަހުގެ ފަހު ހަފުތާ ތެރޭގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެފުލެޓުތަކަށް ވަދެވޭނެ. މެނޭޖުމެންޓުން ސްޓާފުންނަށް ލުއި ހޯދައި ދިނުމުގެ ގޮތުން ތިބޭފުޅުންނަށް ފުލެޓުތަކަށް ވަނުމަށްޓަކާއި އަޅުގަނޑުމެން ގްރޭސް ޕީރިއަޑެއް އެބަދެން. އޭގެ މާނައަކީ ޖެނުއަރީ އެކަކުން ފެށިގެން އެތަނުގެ ކުލި އަޅުގަނޑުމެން ކުންފުންޏަށް ނަގަން ފަށާނީ. ސަބަބަކީ ގިނަ މުވައްޒަފުން އަދިވެސް 20 ޕަސެންޓް ދައްކަން މުސާރައިން ފައިސާ ކަނޑާތީ. އެ ކަނޑަމުން ކުލި ދައްކަންޏާ އިތުރު ބުރައަކަށްވާނީ" ޝަރީފު ވިދާޅުވިއެވެ.
ސްޓެލްކޯގެ ފުލެޓުތަކުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ އިރު، އެ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ވަނީ ފަށައިފައެވެ. އެ ކުންފުނީގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!