ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ، އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިއަދުއެވެ. މިއާއެކު ރާއްޖޭގެ މަަނީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެއެވެ.

Ad
rt

މި ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކުރުމުގެ ބިލެވެ.

މި ބިލުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

މި ބިލުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. އެހެންނަމަވެސް ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނެއްގެ ދަށުން ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން ޢަމަލުކުރާނީ، އެ ޤާނޫނެއްގައި ބަޔާންކުރާ ޚާއްޞަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.