ގާނޫނީ ފަންނުގެ ގާނޫނު ތަސްދީގު ކުރި އިރު ކިޔަވަން ފަށައި އަދި ނިމިފައިވާ ގާނޫނީ ވަކީލުންނަށް ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވާ ނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްއެންޕީގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. ގާނޫނީ ފަންނުގެ ގާނޫނު މިހާރު އޮންނަގޮތުން ގާނޫނީ ފަންނުގެ ބިލު ފާސްކުރި އިރު ލައިސަންސް ލިބިފައި ނުވާ ހުރިހާ ވަކީލުން ވެސް އެންމެ އަވަހަކަށް ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވާން ޖެހެއެވެ.
މި އިމްތިހާނުގައި ބައިވެރިވާން ޖެހެ 1،000 އަށް ވުރެ ގިނަ ވަކީލުން ތިބި އިރު މި މަހުގެ 25 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ފުރަތަމަ އިމްތިހާނުގައި ބައިވެރިވާން ރަޖިސްޓްރީ ކުރީ އެންމެ 200 ވަރަކަށް ވަކީލުންނެވެ. މިހާރު ގާނޫނު އޮތް ގޮތުން ބާކީ 800 އަށް ވުރެ ގިނަ ވަކީލުންނަށް ބާ ކައުންސިލުން މިހާރު ފޯރުކޮށްދީފައިވާ ލައިސަންސް ވެސް ބާތިލުވާނެއެވެ.
އުޝާމްގެ ހުށަހެޅުމުގައި ވަނީ އެ ބިލު ފާސްކުރި އިރު ކިޔަވާ ނިމިފައި އަދި ކިޔަވަމުން ދިޔަ ވަކީލުން މި އިމްތިހާނުގައި ބައިވެރިވާން ނުޖެހޭ ގޮތަށް އިސްލާކުރުމަށެވެ. އަދި ެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކިޔެވުން ފަށާ ދަރިވަރުންގެ މައްޗަށް އެކަނި ކަމަށް ބުނެ ގާނޫނުގައި އެގޮތަށް ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.
އެމްއެންޕީން ބުނީ އެ ގާނޫނު ފާސްކުރިއިރު ކިޔަވައި ނިމި ހުއްދަ ލިބިފައި ނެތް ދަރިވަރުންނަށާއި ގާނޫނީ ވަކީލުކަން ކުރުމަށް އޭރު ކިޔަވަމުންދިޔަ ދަރިވަރުންގެ މައްޗަށް ގާނޫނުން ފުރިހަމަކުރަންޖެހޭ ބާ އިމްތިހާނާއި ތަމްރީނުގެ ފުރުސަތުތައް ލާޒިމުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައި ވާގޮތުން މި ގާނޫނަށް އަމަލުކުރަން ޖެހޭ ހުރިހާ ވަކީލުން ވެސް ކޮންމެ ފަސް އަހަރަކުން އެ އަހަރު ބާ އިމްތިހާނުގައި ބައިވެރިވާން ޖެހެއެވެ. އެހެން ނުން ނަމަ ލައިސަންސް ބާތިލްވާނެއެވެ. މި ބިލު ފާސްކުރުމުގެ ކުރިން ލައިސަންސް ނަގާފައިވާ އެއްވެސް ވަކީލަކަށް މިކަން ލާޒިމެއް ނުވެއެވެ.
ފުރަތަމަ ބާ އިމްތިހާނު މި މަހުގެ 25 ގައި ބާއްވަން ތައްޔާރުވަމުން އަންނައިރު އެ އިމްތިހާނާއި ގުޅިގެން ފެންމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އިމްތިހާނަށް ދާ ޚަރަދެވެ. މި އިމްތިހާނަށް ކޮންމެ ވަކީލެއްގެ އަތުން 20،000ރ ޚަރަދުކުރަން ޖެހޭ އިރު އެންމެ ފުރަތަމަ ބާއްވާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ހަރަދުން އެއްބައި ދެނީ ބާ ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!