ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މާސްކު އަޅަން ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންގައިފިއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ދެ އަހަރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި މާސްކު އެޅުން މަޖުބޫރިކުރި އުސޫލު ވެސް އުވާލީ މި އަހަރު މާޗު މަހުއެވެ.
ކުރިއަށް އީދު ބަންދެއް އޮއްވާ މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓުގައި ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ހުރިހާ އެންމެން ވެސް މާސްކު އަޅަން ޖެހޭނެ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ފަހުން ރާއްޖޭގައި ކޮވިޑް ގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށް ފަހު އަނެއްކާވެސް ކޮންމެސް ވަރަކަށް ކޭސްތައް ގިނަވާން ފަށާފައިވާތީ ދާދި ފަހުން އެޗްޕީއޭއިން ވެސް ވަނީ ކޮވިޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން މިދިޔަ ހަފްތާގައި ފެނުނު ކޭސްތަކުގެ އަދަދު އޭގެ ކުރީގެ ހަފްތާއާ އަޅާބަލައި 69% މަތި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެއީ ޖުމްލަ 142 ކޭސްއެވެ. މިއާއެކު ސަމާލުވުމަށް އެޗްޕީއޭއިން އެންގި އިރު، އެޗްޕީއޭއިން ވެސް ވަނީ މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިލްތިމާސްކުރި ކަންކަން:
• އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވެ، ޓެސްޓުކުރުން
• މާސްކުއެޅުން
• ޕޮޒިޓިވްވެއްޖެނަމަ އެކަހެރިވެ، ކޮންޓެކްޓުންގެ މައުލޫމާތު ހޯދުން
• ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!