މިދިޔަ އޭޕްރީލް މަހުގެ 16ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ޚަންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރަކު މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުން ދިޔަ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު އަލީގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ނޫސްތަކަށް މަޢުލޫމާތުދެމުން ބުނީ އާބިދުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

ހުލުމާލެ ޚާންޖީ ރެސްޓޯރެންޓުގެ ބަދި ތެރޭގައި ހިންގި ހަމަނުޖެހުންތަކުގައި މަރާލާފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާހީނެވެ.

މިމައްސަލައިގައި އާބިދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެންމެ ފުރަތަމަ ކޯޓަށް ގެންދިއުމުން އޭނާ ވަނީ އެމްޑީ ޝާހީނު ނަމަކަށް ކިޔާ ވެއިޓަރު މަރާލި ކަމަށް އެއްބަސްވެފައެވެ.

އެ ހަމަނުޖެހުންތައް ހިނގީ އެންމެ ފުރަތަމަ ވެސް ޝާހީނާ ހެދި ކަމަށާއި އޭނާ އެގޮތުން އާބިދު ގައިގާ އެތައް ފަހަރަކު ޝާހީނު ޖެހި ކަމަށް އާބިދު ކޯޓުގައި ބުންޏެވެ. އަދި އެވަގުތު އާބިދުގެ އަތުގައި އޮތް ވަޅި ޝާހީނު ގަޔާ ދިމާލަށް ދިއްކުރެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި ވަޅި ހެރުނީ ބޭއިހުތިޔާރުގައި ކަމަށްވެސް އޭނާ ބުންޏެވެ.

ކޯޓުގައި އާބިދު ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި މީހުން މެރުމަކީ ދީނުގައި އޮންނަ ކަމެއް ނޫންކަން އެނގޭ ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބީޗު ސަރަހައްދުންނެވެ.