ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރުން މަޖުބޫރުވާ ފަދަ މާއްދާއެއް ހިމަނާފައި ވުމަކީ ރާއްޖެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ފަހަތަށް ޖެހި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މި ބިލާ ގުޅޭގޮތުން މިއަދު ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ ނައިބު ރައީސް ހުސައިން ސަގީފް ވިދާޅުވީ މި އަހަރު އާރުއެސްއެފް އިން ނެރުނު ރިޕޯޓުގައި ވެސް މި ބިލުގެ ވާޙަކަ ފާހަގަކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ބިލު ފާސްވުމަކީ ރާއްޖެ އެ އިންޑެކްސްގައި ދަށަށް ވެއްޓިދާނެ ސަބަބެއް ކަމަށެވެ.

Ad
rt

މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލުގެ 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެކަމަކު އެ މާއްދާގެ (ށ)ގައި ވަނީ މަޖުބޫރުކުރެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައެވެ. އެގޮތުން އެ މައްސަލައަކަށް ބަލާއިރު ނޫސްވެރިޔާއަށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު ދެ ކަމަކަށް ވުރެ ބޮޑުނަމަ އެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރެވެއެވެ.

އެއީ: މައުލޫމާތު
• ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ ކުޑަވުން.
• ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާގިއާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާގިއާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަވުން.

ޖުޑިޝަރީ ކޮމިޓީން ބުނީ، ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާއިރު، އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރާނެ ކަމަށެވެެ.