މާލޭ ތޮއްޖެހުން ކުޑަކުރުމަށް 817 މިލިޔަން ރުފިޔާއަށް ގުޅީފަޅު ބިން ހިއްކުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 16 މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންޓާ ކޮންޓްރެކްޓިން ކުންފުންޏާއެވެ.
ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް މި މަސައްކަތް އެ ފަރާތާއި ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއި ކުރުމަށް މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ.
މި އެއްބަސް ވުމުގައި ނޭޝަނަލް ޕޮލެނިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުްއެވެ. ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ފަރަތުން އެކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ވަނީ ސޮއިކުރައްވައިފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ ޔުނިޓުން މައުލޫމާތު ދިން ގޮތުގައި، ބޮސްކާލިސް ވެސްޓްމިންޓާ ކޮންޓްރެކްޓިން ކުންފުންޏާ މަސައްކަތް ހަވާލުކުރީ މާލިއްޔަތުގެ ގަވާއިދުގެ ދަށުން، އެކަމަކު ބިޑަށް ހުޅުވާލައިގެނެއް ނޫންކަމަށާއި އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން އެގޮތަށް ކަނޑައެޅީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބިން ހިއްކުމާއި ކަނޑުފަޅުގައި ގާއިމްކުރާ އެކި ބާވަތުގެ އުމްރާނީ ވަސީލަތް ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ ބޮސްކާލިސް ކުންފުނިން މީގެ ކުރިން ވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި އެގޮތުން 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު މީހުން ދިރިއުޅޭ 10 ރަށެއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން އެފަރަތުން ހިއްކާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މި މަސައްކަތް އެ ފަރާތަށް ނިންމުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!