ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތަކަށް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަރުގެ ދަށުން ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓެލްކޯއިން ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. ބޯޑުން މިގޮތަށް ނިންމީ ކަރަންޓުގެ ކަންކަން ލަސްވުމުންނެވެ.
މި ފްލެޓުތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު ގުޅުމުގެ ކަންކަން އެޗްޑީސީން ހަވާލުކޮށްފައިވާ ޗައިނާގެ ބްރައުންސް-ސީއެމްއީސީ އިން އެ ފްލެޓުތަކަށް ކަރަންޓު ލާފައެއް ނުވެއެވެ. އެޗްޑީސީން މީގެ ކުރިން ބުނި ގޮތުގައި އެ ފްލެޓުތަކަށް ކަރަންޓު ދެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާފައިވާ އިރު، އެތަނުގެ 95 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. މި ފްލެޓުތައް ވަރަށް އަވަހަށް ހަވާލު ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!