ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ޢާންމުކޮށް އިޢުލާނު ކޮށްފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ޚާއްސަގޮތުން ބޭއްވި އާންމު ޖަލްސާ ފެށީ މިއަދު މެންދުރުފަހު 13:30 ގައެވެ.

Ad
rt

އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ ޖުމްލަ 765 އާންމު މެންބަރުންނެވެ.

އެ އިންތިޚާބުގެ ރަސްމީ ނަތީޖާ މިހާރު ބާ ކައުންސިލުން ޢިއުލާން ކޮށްފައިވާއިރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމަށް އިންތިޚާބުވެފައި ވަނީ އިސްމާޢީލް ވިޝާމެވެ. އޭނާއަށް 270 ވޯޓު ލިބުނުއިރު އޭނާއާއި ވާދަ ކުރެއްވި މުޙައްމަދު ފައިޞަލްއަށް ލިބުނީ 182 ވޯޓެވެ. ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ މިޒްނާ އަހްމަދު އެކަންޏެވެ. އޭނާއަށް ފެންނަކަމަށް 281 ވޯޓު އަދި ނުފެންނަކަމަށް 156 ވޯޓު ލިބުނެވެ.

އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާއްވާފައިވާ ފަރާތްތަކުގެ ރަސްމީ ނަތީޖާ

  • އަޙްމަދު މުޢިއްޒު، ފެންނަ 314، ނުފެންނަ 119
  • އަލީ ސައީދު، ފެންނަ 214، ނުފެންނަ 220
  • އިބްރާޙީމް ޝަމީލް، ފެންނަ 310، ނުފެންނަ 113
  • ޑރ. ނަސްރުﷲ މުސްތަފާ، ފެންނަ 173، ނުފެންނަ 252
  • ސާދިހު ނަސީރު، ފެންނަ 292، ނުފެންނަ 145

މި އިންތިޚާބުގެ ނަތީޖާތަކުގައިވާ ގޮތުން ކުރިއަށް އޮތް 3 އަހަރު ދުވަހަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމުތަކަށް އިންޚާބުވެފައިވަނީ، ރައީސް ކަމަށް ޢިސްމާޢީލް ވިޝާމް، ނައިބު ރައީސްކަމަށް މިޒްނާ އަހްމަދު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އަޙްމަދު މުޢިއްޒު، އިބްރާޙީމް ޝަމީލް، އަދި ސާދިހު ނަސީރެވެ.

އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ދެ މެންބަރަކަށް އިންތިޚާބުވާ މިންވަރަށް ވޯޓު ލިބިފައިނުވާތީ، އަލުން ޖެހޭނީ އެ މެންބަރުން ހޮވުމަށާއި، އިތުރު މެންބަރަކު ހޮވުމަށް އިންތިޚާބަކަށް ދާށެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރަނީ 6 މެންބަރުންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބު ކުރަނީ 3 އަހަރުގެ މުއްދަތަކަށެވެ.