ޔުއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އިންގްލެންޑާއި ޖަރުމަނު 1-1 އިން އެއްވަރުވެ ހަންގޭރީ އަތުން 2-1 އިން އިޓަލީ މޮޅުވުމުން ގްރޫޕްގެ ފޯރި ގަދަ ވެއްޖެއެވެ.

މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފުރަތަމަ ހާފުގައި ޖަރުމަނު އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތަކުން ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑިމަތިން ދިޔައިރު، ކައުންޓަ އެޓޭކުގައި އިންގްލެންޑްގެ ބުކާޔޯ ސަކާ ޖެހި ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

Ad
rt

ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑް ނަގައިފައިވަނީ ޖަަރުމަނުން ނެވެ. 50 ވަނަ މިނިޓްގައި ކިމިކް ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ހޮފްމަން ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. އިންގްލެންޑަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން މެޗުގެ 88 ވަނަ މިނިޓްގައި ކެޕްޓަން ހެރީ ކޭން އެވެ. މިއީ ކޭން އަށް ޖަރުމަނުގެ ޑިފެންޑަރު، ނިކޯ ޝްލޮޓަބެކް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އިޓަލީން ވަނީ މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ހަންގޭރީ ބަލިކޮށްފަ އެވެ. މިރޭ އިޓަލީ ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ވަނީ ދެގޯލް ޖަހާފައެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ނިކޯލޯ ބަރޭލާ އާއި ލޮރެންޒޯ ޕެލެގްރީނީ އެވެ. ފުރަތަމަ ގޯލް 30 ވަނަ މިނެޓްގައި ބަރޭލާ ގޯލު ޖެހީ ލިއޮނާޑޯ ސްޕިނަޒޯލާ ގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ގޯލް ލޮރެންޒޯ ޕެލެގްރީނީ ކާމިޔާބް ކޮށްދިނީ 45 ވަނަ މިނެޓްގައި މަޓެއޯ ޕޮލިޓާނޯ ގެ އެހީތެރިކަމާއެކުގައެވެ. މެޗުގެ 61 ވަނަ މިނިޓްގައި ހަންގޭރީން ޖެހި ގޯލަކީ އިޓަލީގެ ޖިއަންލޫކާ މަންޗިނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އިޓަލީ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ހަންގޭރީ ތިން ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި ޖަރުމަނު އޮތީ ދެ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އިންގްލެންޑަށް ލިބެނީ އެއްމެ ޕޮއިންޓެކެވެ.

އަންގާރަދުވަހުގެރޭ ކުޅުނު އެހެން މެޗްތަކުގެ ނަތީޖާ

  • ފިންލެންޑް -2 މޮންޓެނިގްރޯ -0
  • ބޮސްނިއާ -1 ރޫމޭނިއާ -0
  • ފަރޯ އައިލެންޑްސް -0 ލަކްސެމްބާގް -1
  • ލިތުއޭނިއާ -0 ތުރުކީ -6

މިރޭވެސް މި މުބާރާތުގައި 4 މެޗެއް ކުޅޭނެއެވެ.