މޯލްޑިވްސް މީޑިޔާ ކައުންސިލުގެ ރައީސްކަމުން ޝަހުބާން ފަހުމީ އިސްތިއުފާ ދީފިއެވެ.

ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދީފައި މިވަނީ މީޑިއާ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކުރެއްވުމަށް ފަހުގައެވެ.

Ad
rt

ޝަހުބާން ވިދާޅުވީ އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެމްއެމްސީގެ ރައީސްކަމާ ހަވާލުވި ދުވަހުން ފެށިގެން ވެސް އޭނާގެ މަގާމަށް ދަހިވެތިވެފައި ތިބި ބަޔަކު ތިބި ކަމަށެވެ.

އޭނާ މަގާމުން ވަކިކުރަން މީގެ ކުރިން ވެސް ބައެއް މެންބަރުން މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް މީހެއްގެ މައްޗަށް ތުހުމަތެއް ކުރަމަކީ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް ޝަހުބާން މިއަދު ވަނީ މަޤާމުން އިސްތިއުފާ ދީފައެވެ.

ޝަހުބާން ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން އޭނާއަށް މިހާރު ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ނަފްސުގެ ރައްކާތެރިކަންވެސް މިހާރު ނެތް ކަމަށެވެ.

އެގޮތުން މަގު މައްޗަށް ނުކުތުމުން ވަގަށް ގޮވާ ކަމަށާއި، އެހެންކަމުން އަމިއްލަ ނަފްސާއި މީޑިއާ ކައުންސިލްގެ ވެސް ރައްކާތެރިކަމަށް ޓަކައި މަޤާމުން އިސްތިއުފާ ދޭން ނިންމެވީ ކަމަށެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރަނީ، އޭނާގެ ބޭބެ އަލްހާން ފަހުމީއާއެކު ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުތަކެއް ދައުލަތުން ކުރުމާ ގުޅިގެންނެވެ.