ފަނޑިޔާރުކަމުން ވަކިކުރާ މީހުންނަށް ގާނޫނީ ވަކީލުކަން ނުކުރެވޭ ގޮތަށް ހަދަން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މަޖިލީހަށް ހުށަހެޅުއްވި ބިލުގައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާ ހިސާބުން ފެށިގެން އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ އޮޓޯއިން ބާތިލްވާނެ ކަމަށެވެ. ވަކިކުރަން ނިންމާ ފަހުން އިސްތިއުފާ ދިނަސް، ހުއްދަ ބާތިލްވާނެ އެވެ.
އެ ބިލްގައިވާ ގޮތުން އެ ފަނޑިޔާރަކު ވަކިކުރަން ނިންމަނީ ބޮޑު މައްސަލައަކާ ގުޅިގެން ކަމަށްވާ ނަމަ، އެ މީހަކަށް ދެން ވަކީލު ކަމުގެ ހުއްދައެއް ނުލިބޭނެ އެވެ. އާދައިގެ ކަމެއް ނަމަ، ފަނޑިޔާރުކަމުން ވަކިކުރާތާ ފަސް އަހަރު ފަހުން އަލުން އެދިގެން ހުއްދަ ލިބިދާނެ ކަމަށް އެ ބިލުގައިވެ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުކަމުން ވަކިކުރިޔަސް އަދި އިސްތިއުފާ ދިނަސް ވަކީލުކަން ކުރެވޭނެ އެވެ. ވަކިކުރި ބައެއް ފަނޑިޔާރުންނާއި އިސްތިއުފާ ދެއްވި ބޭފުޅުން މިހާރު ވެސް ކޯޓުތަކުގައި ވަކާލާތުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!