އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެ ފުރުސަތު ހުޅުވާލައި، ޕީޕީއެމުން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ކައުންސިލްގެ 17 ޖާގައަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

އެ ޖާގަ ތަކަކީ، އެ ޕާޓީގެ އަސާސީ ޤަވާޢިދުގެ 29 ވަނަ މާއްދާއަށް ގެނައި ބަދަލުން ޕާޓީގެ ކައުންސިލަށް އިތުރުކޮށްފައިވާ 10 މެމްބަރުންނާއި، ކައުންސިލުން ކުރިން ހުސްވެފައިވާ ދެ މަގާމަކާއެކު ޖުމްލަ 12 މެމްބަރުންނާއި، އެ ޕާޓީގެ ކައުންސިލުން ހުސްވެފައިވާ އަންހެނުންގެ ފަސް މެންބަރުންގެ މަގާމެވެ.

ޕީޕީއެމްގެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ޕީޕީއެމްގެ މެމްބަރުން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ އެ ޕާޓީގެ މައި އޮފީހަށް ނުވަތަ މެއިލް ކުރަން ޖެހޭނީ admin@ppm.mv އަށެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ ނުވަ ވަނަ ދުވަހެވެ.

ޕީޕީއެމް ރަޖިސްޓްރީކޮށް ހިންގަން ފަށާފައި ވަނީ 2011 ވަނަ އަހަރު އެވެ. އެ ޕާޓީއަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެ ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެޕާޓީގެ މެމްބަރުންގެ ގޮތުގައި 34،368 އެބަތިއްބެވެ.