ހދ. ކުމުންދޫގައި ގާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި އެ މަސައްކަތް ފެށީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެ ފެރީ ސްޓޮޕްގައި ކިއޮސްކްއަކާއި ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހަނާއެއްވެސް ހުންނާނެއެވެ.

Ad
rt

މި ފެރީ ސްޓޮޕަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ.

ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. އެ އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރާނެއެވެ.

މިހާތަނަށް އެމްޓީސީސީން ވަނީ އިހަވަންދޫ ފެރީ ޓާމިނަލްގެ މަސައްކަތް ނިންމާލައި، ނޭކުރެންދޫއާއި ނާވައިދޫ އަދި ފިނޭގެ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފައެވެ.