މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކަށް އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަން ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އޯގަސްޓް 6 ވާ ހޮނިހިރު ދުވަހު އެވެ.

Ad
rt

މި މަޤާމްތަކަށް އެމްއެންޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް މިފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފައެވެ.

މި މަޤާމަތަކަށް ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން، މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް، ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 27 ޖޫން 2022 ވާ (ހޯމަ) ދުވަހުގެ 14:00 ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުމަށް ނުވަތަ އެމްއެންޕީގެ އީމެއިލް admin@mnp.mv އަށް އީ-މެއިލް ކުރުމަށް އެ ޕާޓީން އެދެއެވެ.

މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް، ކުރިމަތިލުމަށް އެދޭ ފަރާތުގެ އިޤުރާރު، އެމްއެންޕީގެ މެމްބަރޝިޕް ފޯމް، އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފޯމު، އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑް ސާފުކުރަން އެދޭ ފޯމް އެމްއެންޕީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އެމްއެންޕީން ޤައުމީ ހިންގާ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލި މަޤާމްތައް

  • ރައީސް
  • 6 ނައިބު ރައީސުން (އަޕަރ ނޯތް ރީޖަން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން، ސައުތު ސެންޓްރަލް ރީޖަން އަދި ސައުތު ރީޖަން)
  • 87 ދާއިރާ ރައީސުން (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ކޮންމެ ދާއިރާއަކަށް 1 ރައީސް)

މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކަކީ، އެ ޕާޓީން ބަލަހައްޓާ ދަފްތަރުގައި ހިމެނޭ މެންބަރެއް ކަމުގައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުމާއި އަދި އިންސާނީ ޙައްޤަކަށް އަރައިގަނެފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމެވެ.

މީގެ އިތުރުން ކުޑަކުއްޖަކާ މެދު ބަދުއަޚްލާޤީ އަމަލެއް ހިނގިކަމަށް ޝަރީޢަތަށް ސާބިތުވެފައިނުވުމާއި، އެޕާޓީގެ ސުލޫކީ ޤާވާޢިދާ ޚިލާފްވުމުގެ ސަބަބުން ސުލޫކީ ކޮމިޓީން ނުވަތަ އިސްތިއުނާފް ކޮމިޓީން އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ، އެފިޔަވަޅެއް ތަންފީޒުކޮށް ނިމުނުތާ 1 (އެކެއް) އަހަރު ވެފައިވުން ވެސް މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެމްއެންޕީގެ ނަންބަރު: 9708080 ނުވަތަ 9301177 އަށް ގުޅުމަށް އެޕާޓީން ވަނީ އެދިފައެވެ.