މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 42 ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައި، ބަންދުން ދޫކޮށްލައިފި އެވެ.
މ. ލަވްނެސްޓް ގެއިން 42 ކިލޯގެ ޑްރަގް އަތުލައިގަނެ، މިދިޔަ މާޗް މަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލްގެ މެމްބަރު އަހުމަދު ހުސައިނާއި މ. ނޫރުއް އަބްދުﷲ ނަޝީދަށް ދައުވާ ނުކުރަން ނިންމައި، ބަންދުން ދޫކޮށްލީ ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ އެގެއަށް ވަނުމުގެ ކުރިން ފުލުހުން ކޯޓު އަމުރެއް ހޯދާފައިނުވާ ކަމަށެވެ. އަދި އެގެ ފާސްކުރުމުގެ ކުރުމުގެ ހުއްދަ ވެރިފަރާތް ނޫން އެހެން މީހެއްގެ އަތުން ހޯދާފައިވާތީ އެގެއަށް ވަދެ ހެކި ހޯދީ ގާނޫނާ ޚިލާފަށް ކަމަށެވެ.
އެގެއިން ހެކީގެ ގޮތުގައި ފެނުނު ބައެއް މުހިންމު ތަކެތި ފުލުހުން ހޯދާފައިނުވާ ކަމަށާއި އަދި އެގެއިން ފެނުނު ޑްރަގާ އެ މީހުންނާ އޮތް ގުޅުމެއް އެނގޭނެ ހެއްކެއް ނެތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ ތެރެއިން ނަޝީދަކީ އެހެން މައްސަލައެއްގައި ކުރިން އުމުރަށް ޖަލަށްލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި މީހެކެވެ. އޭގެފަހުން ހިއުމަން ޓްރެފިކިންގެ ތުހުމަތެއްގައި އޭނާ ހައްޔަރުކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!