އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތުދިޔަ ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
މިދިޔަ މާޗް މަހު ސްކޫލެއްގައި މަސައްކަތް ކުރަމުން އުޅުމުގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހައްޔަރުކުރި އުމުރުން 59 އަހަރުގެ އާމިނަތުދިޔަ މިދިޔަ މަހު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަންގާފައި ވަނިކޮށެވެ. އޭނާ ބަންދުކުރި ފަހުން ޕީޖީން ނިންމީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
ބަންދުކުރި މައްސަލަ އާމިނަތުދިޔަގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ ބަންދުކުރަން ދަށު ކޯޓުން ނިންމި ސަބަބުތައް ރަނގަޅު ކަމަށެވެ.
އެއީ އޭނާއަކީ ސްކޫލެއްގައި މަސައްކަތްކުރާ މީހަކަށްވުމާއި އަދި ހެކިންގެ ގޮތުގައި ސްކޫލްގެ މުވައްޒަފުން ތިބުމާއި އާމިނަތުދިޔަގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ އެހެން ކުދިން ތިބޭތީ އެ ކުދިންނަށް ނުރައްކާވެދާނެތީ އެވެ. އަދި އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރި ގޮތް ވެސް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
ހައި ކޯޓުން ވެސް މިދިޔަ މަހު ނިންމާފައި އޮތީ އޭނާ ބަންދުކުރި ގޮތް ރަނގަޅު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!