ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް ފަރުމާކޮށް، އިމާރާތްކުރަން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ.

އެ ހޮސްޕިޓަލްތަކަކީ، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ.

Ad
rt

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ހޮސްޕިޓަލްތައް ފަރުމާކޮށް، ޑިޒައިން ކުރަން ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާ އެވެ.

އެ މަސައްކަތުގައި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. އިންޑިއާ ޓީސީއައިއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިން އެވެ.

މި އެއްބަސްވުމުގެ ދަށުން ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި އަޅަން ހަވާލުކުރީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އެވެ.

މި ހޮސްޕިޓަލްތައް ނިންމަން އެއްބަސްވެފައިވާ ތާރީޚެއް ހެލްތު މިނިސްޓްރީން ހާމައެއް ނުކުރަށްވައެވެ.