އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތަކީ ގޯސް ކަމެއް ނުވަތަ ނޫން ކަމެއް ކަން ވެސް މިވަގުތު ކަނޑައެޅެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފި އެވެ.

އިންޑިއާ އައުޓް ބެނާއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ވަނިކޮށް އެ ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ނެގި މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ކަން ނުވަތަ ނޫންކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ.

Ad
rt

އެހެންވެ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އެކަމާ ދެކޮޅަށް ހިންގާ ހަރަކާތަކީ ހުއްދަ ގޮތުގައި ހިންގާ ހަރަކާތެއް ކަން ނުވަތަ ސިޔާސީ މަންފާއެއް ހާސިލްކުރަން ބާއްވާ ނާޖާއިޒް ހަރަކާތެއް ކަން ކަނޑައެޅެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

"މިދެގޮތުން ކުރެ ވަކިގޮތެއް ކޯޓަކަށް ޚިޔާރެއް ނުކުރެވޭނެ އެވެ." ފަނޑިޔާރު މުހައްމަދު ނިޔާޒް ލިޔުއްވައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ހައި ކޯޓުން އިއްޔެ ވަނީ ބެނާ ނަގަން ކުރި އަމުރު ބާތިލްކޮށްފަ އެވެ. އެއީ ބެނާ ނަގަން އަމުރު ނެރެންޖެހޭ އެކަށީގެންވާ ސަބަބެއް ކްރިމިނަލް ކޯޓުން ބުނެދީފައި ނެތުމާއި ފުލުހުން ތުހުމަތު ކުރި ކުށާއި އެކަމާ އޮތް ގުޅުމެއް ބުނެދެވެން ނެތުމުންނެވެ. އަދި ޔާމީންގެ ގެކޮޅަށް ވަނުމެއް ނެތި އެ ބެނާ ނެގެން އޮއްވާ ކޯޓު އަމުރު ހޯދައިގެން އެގެއަށް ވަނުމަކީ ހައި ކޯޓުން ވެސް ފާހަގަކުރި އަނެއް މައްސަލަ އެވެ.