މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ހިންގާ އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މެދުވެރިކޮށް މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު އަންހެނުންނަށް އޮންނާނެ ކަމަށެވެ. އެގޮތުން ހަ ދާއިރާއަކުން ތަމްރީނުވުމަށް 12 ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ތަމްރީން ވުމުގެ ފުރުސަތު ހުޅުވާލި ދާއިރާގެ ތެރޭގައި ވެލްޑިން ކުރުމާއި ވަޑާންކުރުމާއި މެރިން މެކޭނިކް ނުވަތަ މެރިން އިންޖިނިއަރިންއާއި ވެހިކަލް ރިޕެއާ މެކޭނިކުގެ ދާއިރާއާއި އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަންގެ ދާއިރާގެ އިތުރުން ހެވީ ވެހިކަލް އޮޕަރޭޓު ކުރުމުގެ ދާއިރާ ހިމެނެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީ ހިތަދޫ ޕޯޓުގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް އަންހެނުންނަށް ހުޅުވާލައިފައެވެ. އެގޮތުން ކޮންމެ ރަށަކުން ހަތަރު ދާއިރާއަކުން ހަ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ ހެވީ ވެހިކަލް އޮޕަރޭޓް ކުރުމާއި މެރިން މެކޭނިކުގެ ދާއިރާއާއި މެކޭނިކަލް އިންޖިނިއަރިން އަދި ވިންޗްމަންގެ ދާއިރާއެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގުރާމުގެ ބައިވެރިންނަށް މަހަކު 5000ރ. ގެ އެލެވެންސެއް ލިބޭނެއެވެ. އަދި ޕްރޕގްރާމް ނިމުން އެ ކުންފުނިން ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް ކުޅުދުއްފުއްޓާއި އައްޑޫ ސިޓީން ހޮވޭ މީހުން، ފުރަތަމަ ތިން މަސް ދުވަހު މަސައްކަތް ކުރަންޖެހޭނީ މާލޭ ސަރަހައްދުގައި އެމްޕީއެލުން ކަނޑައަޅާ ތަނެއްގައެވެ. އަދި މާލޭގައި ހުންނަ ތިން މަސް ދުވަހު ކޮންމެ މަހަކު 6000ރ. ގެ ލިވިން އެލެވެންސެއް ލިބޭނެއެވެ. އޭގެ އިތުރުން މާލެ އައުމަށާއި އެނބުރި ޕްރޮގްރާމް ކުރިއަށް ގެންދާ ރަށަށް ދިއުމަށް އެއާލައިން ދެކޮޅު ޓިކެޓްވެސް އެމްޕީއެލް އިން ދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!