އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިިސްވެ ރާއްޖޭގައި ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕޭނާއި ދެކޮޅަށް "ބާކީ ނުވޭ" ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ މީސްމީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ.
"ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުންކޮށްގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތައް މިހާރު މީސްމީޑިއާގައި އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ.
އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީވެރިންގެ ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ނިކަމެތިވެ ބާކީވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީވެރިން ވެސް ވިސްނަންވާނެ ކަމަށެވެ.
އަދި އިންޑިއާއި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިންގެ ތާއީދު އޮތްކަމެއް ނޫންކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުން މަދުކަމުން ކަމަށް ވިދާޅުވެފަވެއެވެ. އެއަށްފަހު ވަނީ "ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުން ކުރަށްވާފައެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަަތަނީ، ޤައުމީ، ދީނީ، ފަދަ ނަންނަމުގައި ބާރު ހޯއްދަވައިގެން ކުރިންވެސް އުޅުއްވީ ރައްޔިތުން އަޅުވެތިކޮށް، ރާއްޖޭގެ އަތޮޅުއަތޮޅު ވިއްކާލަން ކަމަށެވެ.
"ތިޔަ ނިފާޤުކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ހީލަތާއި ‘ހިޔަޅުބުއްދި’ކަން އެންމެންވެސް ދަނޭ. އަޅުވެތިވާންވެސް ބާކީވާންވެސް ދިވެހިންނެއް ނޭދޭ." އޭނާ ވިދާޅުވެފަވެއެވެ.
އެމްޑީޕީ ގަލޮޅު އުތުރު ދާއިރާގެ ރައީސް ޒާހިރާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އިންޑިޔާ އައުޓް ގޮވަމުން އުޅުމަކީ މިޤައުމުގައި ކުރެވިގެން ވާނޭ ކަމެއްނޫން ކަމަށެވެ.
"އަހަރުމެން ނަކީ އެތައް ގޮތަކުން އެގައުމާއި ގުޅި ލާ މެހިފަވާ ޒަމާންވީީ އެކުވެރި ޤައުމެއް" އޭނާ ބުނެފަވެއެވެ.
އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައި ވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!