އެމްޑަބްލިއުއެސްސީން މިއަހަރު ނިމޭއިރު 20 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހު އަލީ ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ 27 ވަނަ އަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ މިވަގުތު ރާއްޖޭގައި 31 ޕްރޮޖެކްޓް އެ ކުންފުނިން ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ތެރެއިން މިހާރު ވެސް ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްތަކުގެ އިތުރުން މާލޭގައިި ފެން ރައްކާ ކުރެވޭނެ ކެޕޭސިޓީ އިތުރު ކުރަން 13،000 ކިއުބިކްމީޓަރުގެ ދެ ފެންތާންގީ ބެހެއްޓުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލޭގެ ނަރުދަމާގެ ނިޒާމަކީ އަންދާޒާކުރި ވަރަށް ވުރެ މާބޮޑު ލޯޑެއް އޮތް ނިޒާމެއް. އެޅިފައިވާ ހޮޅިތައް ސާފުކުރަން އިތުރު ޕަމްޕް ސްޓޭޝަންތަކުން ވަރަށް ބޮޑު ލުޔެއް މިދަނީ ހޯދައިދެމުން،" ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން ބިއްލޫރިފުޅީގައި ފެން ބައްދުކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި އެކަމަށްޓަކައި އެކުންފުނީގެ ބޮޓްލިން ފެކްޓްރީއަށް ބަދަލުތައް ގެނެސް ބިއްލޫރި ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދާފައިވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!