ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި ކުރިއަށް ދެ އަހަރު ވެސް ދަތިކަމެއް ނެތި ދަރަނި ދެއްކޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން ރިޒާވް ދަށްވެ ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަން އިން ލަފާ ކިރުމާ ގުޅިގެންނެވެ.

Ad
rt

ރައީސް ވިދާޅުވީ ރަޝިއާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށާއި ރާއްޖެއަށްވެސް އަސަރު ކުރި ކަމަށާއި ނަމަވެސް ދަރަނި ދެއްކުމުގައި ދަތި ނުވާނެ ކަމަށެވެ.

"ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން، ދައްކަމުންދާ އެއްޗެއް. އެގޮތުން، މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ތިޔަބޭފުޅުންގެ މައޫލޫމާތަށްޓަކައި، ޔަގީންކަމާއެކުގައި އަޅުގަނޑު ދަންނަވާލަން. އަދި ހަމަ އެއާއެކުގައި، ކުރިއަށް އޮތް އަހަރު، 2023 ވަނަ އަހަރު، 2024 ވަނަ އަހަރުވެސް އެކަމުގައި ދައްޗެއްނެތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާއިރު ދައުލަތުގެ ބަޖެޓުން ތެލުގެ ސަބްސިޑީއަށް ކުރާ ޙަރަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، ސަރުކާރުން ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ކަނޑައަޅާފައިވާ 400 މިލިއަން ރުފިޔާ ބަދަލުގައި ބިލިއަނެއްހާ ރުފިޔާ ތެލުގެ ސަބްސިޑީއަށް ހަރަދުކުރަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.