ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ވަކީލުން ފަރުވާ ކުޑަވުމުން ޔާމީނާއި ދައުލަތަށް މުހިންމު ފުރުސަތެއް ކްރިމިނަލް ކޯޓުގައި މިއަދު ބަންދުވެ، ބޮޑު ލަނޑެއް ލިބިއްޖެ އެވެ.
އާރަށް ކުއްޔަށް ދިނުމަށްފަހު ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ދިން ފުރުސަތު ގެއްލުނީ އެކަމަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
އެ މުއްދަތު ހަމަވީ ވަކީލުންގެ ފަރުވާ ކުޑަކަމުން ގޯސްކޮށް މުއްދަތު ގުނުމުންނެވެ. ޔާމީނާއި ދައުލަތުގެ ވަކީލުން ވެސް ގަބޫލުކުރީ މިދިޔަ މަހު އެކަމަށް ދީފައި އޮތް 15 ދުވަސް ގުނާނީ ސަރުކާރު ބަންދު ނުހިމަނާ ކަމަށެވެ. އެކަމަކު ގާނޫނު ބުނާގޮތުން އެ މުއްދަތު ގުނަން ޖެހޭނީ ސަރުކާރު ބަންދު ވެސް ހިމަނައިގެންނެވެ. އެހެންވުމުން މިދިޔަ މަހު އެ މުއްދަތު ހަމަވެއްޖެ އެވެ.
ޔާމީނާއި ދައުލަތުން ހުށަހެޅުންތައް ހުށަހެޅީ މިމަހު ކުރީކޮޅު އެވެ. އެހެންވެ، މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.
އެ މައްސަލާގައި ޔާމީނާ އެކު ދެން ދައުވާލިބޭ ޔޫސުފް ނައީމަށް ވެސް ދިމާވީ އެގޮތަށެވެ. ޔޫސުފް ނައީމަކީ ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާލިބޭ މީހާ އެވެ.
އެ ނިންމުން މުރާޖާކުރަން ޔާމީންގެ ވަކީލުން އެދިވަޑައިގަތަސް، އިސްގާޒީ ޝަކީލް ވިދާޅުވީ އެ ނިންމުން ދަމަހައްޓަވާނެ ކަމަށެވެ. އަދި ދެން އޮންނާނީ ޝަރީއަތް ފެށުން ކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!